ބ. ކަމަދޫ ސްކޫލުގައި އިތުރު ދެ ކްލާސް ރޫމް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
އެފްޑީސީ އަކީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިދިޔަ ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.
ކަމަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކަމަދޫ ސްކޫލަކީ ޖާގައިގެ ދަތިކަން ބޮޑު އަދި އިތުރު ވަސީލަތްތައް ބޭނުންވާ ސްކޫލެއް ކަމަށްވާތީ، އެ އެއްބަސްވުމުގެ ދަށުން އަޅާ އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ އިމާރާތަކަށް ވާނެ ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 5.4 މިލިއަން ރުފިޔާއަށެވެ. ކަމަދޫ ސްކޫލްގައި ކިޔަވަނީ 74 ދަރިވަރުންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެއް ނޫނެވެ. އެ ކުންފުނީގައި ފައިސާގެ ގޮތުންނާއި މެޝިނަރީގެ ގޮތުން އެ ގާބިލްކަން ނެތުމުން އެ ކުންފުނީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓްކަމަށްވާ 4000 ފްލެޓްގެ މަސައްކަތް ކުރީ އިންޑިއާގެ ކުންފުނިތަކަކާ ހަވާލުކޮށްގެންނެވެ.
ކަމާ ނުގުޅޭ މަސައްކަތްތައް ބައެއް ކުންފުނިތަކާ ހަވާލުކުރަނީ ނާޖާއިޒު ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ފައިސާ ހޯދަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.