މަޝްހޫރު ފެޝަން ބްރޭންޑް "ޒާރާ"ގެ އިސްތިހާރުތަކުގައި އާދަޔާ ޚިލާފަށް ހިކި މޮޑެލުން ބޭނުންކުރާ ކަމަށް ބުނެ އިނގިރޭސިވިލާތުގައި އެ ބްރޭންޑް އިސްތިހާރުކުރުން މަނާކޮށްފި އެވެ.

އިނގިރޭސިވިލާތުގެ އެޑްވަޓައިޒިން ސްޓޭންޑާޓް އޮތޯރިޓީއިން ވަނީ އެ އިދާރާއަށް ލިބުނު ޝަކުވާއަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ޒާރާއާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ބްރޭންޑްގެ އިސްތިހާރުތައް ހުއްޓުވާފަ އެވެ.

އެ އިދާރާއިން ބުނެފައި ވަނީ އެ އިސްތިހާރުތަކުގައި ބޭނުން ކޮށްފައިވަނީ ސިއްހަތަށް ގެއްލުންހުރި މިންވަރަށް ހިކި އަނަރޫފަ މޮޑެލްތަކެއް ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

އެގޮތުން އެފަދަ އިސްތިހާރުތަކުން ޒުވާނުންގެ މެދުގައި ނުރަނގަޅު ވިސްނުމެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުން ސިއްހަތަށް ގެއްލުންހުރި އާދަތަކަށް ހިތްވަރު ލިބޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

އޭއެސްއޭގެ މި ފިޔަވަޅާއެކު ޒާރާއިން ބުނެފައި ވަނީ އެ ބްރޭންޑުގެ ކެމްޕެއިންތަކުގައި ބޭނުންކުރާ މޮޑެލުންނަކީ ސިއްހީ ގޮތުން "ސެޓިފައިޑް" ބައެއް ކަމަށެވެ.

މީގެ ކުރިން ވެސް އޭއެސްއޭއިން ވަނީ މިފަދަ މައްސަލައެއްގައި އިނގިރޭސި ފެޝަން ބްރޭންޑެއް ކަމަށްވާ ނެކްސްޓްއާއި މާކް އެންޑް ސްޕެންސާސްގެ އިސްތިހާރުތަކެއް ހުއްޓުވާފަ އެވެ.