މި އަހަރުގެ ފުރަތަމަ ހަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން 4 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފަވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަހު ހިދުމަތް ދިން ފަސިންޖަރުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ހަތަރެއް އިންސައްތަ އަށް އިތުރުވެފައިވާ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވީއައިއޭ އިން ހިދުމަތް ދިން ފަސިންޖަރުންގެ ތެރޭ ހިމެނެނީ ބައިނަލްއަގުވާމީ ދަތުރުތައް ކުރި 2.6 މިލިއަން ފަސިންޖަރުންނާއި އެތެރޭގެ ދަތުރުތައް ކުރި 579،079 ފަސިންޖަރުންގެ އިތުރުން ސީޕްލޭން ދަތުރުތައް ކުރި 859،797 ފަސިންޖަރުންނެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ އެއް ދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދިނީ ވީލް ބޭސްޑް ދަތުރުތަކުގައި 4 ޖެނުއަރީގަ އެވެ. އެއީ 26،658 ފަސިންޖަރުންކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެމްއޭސީއެލް އިން ބުނީ ސީޕްލޭން އޮޕަރޭޝަންތަކުގައި 16 ފެބްރުއަރީގައި 7،439 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އެހެން ކަމުން ފަސިންޖަރުންގެ އަދަދާ އެކު ފްލައިޓު މޫވްމަންޓް އަދަދު ވެސް ހަތެއް އިންސައްތަ އިތުރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލް އިން އާންމުކުރި ފުރަތަމަ 6 މަހުގެ ތަފާސްހިސާބުތައް:
- ބައިނަލްއަގުވާމީ 17،614 ފްލައިޓް މޫވްމަންޓް
- އެތެރޭގެ އުދުހުންތަކުގެ 14،110 ފްލައިޓް މޫވްމަންޓް
- ސީޕްލޭން އޮޕަރޭޝަންގެ 92،941 ފްލައިޓް މޫވްމަންޓް
ވީއައިއޭ އިން ހިދުމަތް ހޯދި ފަސިންޖަރުންގެ އަދަދު ޖޫން މަހާ ހަމައަށް ހަތަރެއް އިންސައްތަ އިތުރުވެފައިވާއިރު، އެއާޕޯޓުގެ އާ ޕަސެންޖާ ޓާމިނަލާ އެކު އަހަރުގެ ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް އަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ޓާމިނަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.