ލ. މާވަށުގައި ޖުލައި 28، ގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާ ދީ މަރާލި މޫސާ އިބްރާހިމް، 29، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރޭގައި ރާއްޖެއަށް ގެނެސްފި އެވެ.
އާއިލާއިން ވަޅުލަން ބޭނުންވި ނަމަވެސް، ފުލުހުން އޭނާގެ ހަށިގަނޑު ވަޅުނުލައި މާލެ ގެނައީ އިތުރު ތަހުލީލުތައް ކުރުމަށްޓަކަ އެވެ.
އެއަށްފަހު އޮޓޮޕްސީއަށް މޫސަގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލީ މިމަހުގެ 7 ވަނަ ދުވަހު އެވެ.
މޫސަގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު މަސްޖިދުއްތައާވުނި (އާސަހަރާ މިސްކިތް) ގަ އެވެ.
މޫސާ މަރާލާފައި ވަނީ މާވަށު ވޮލީކޯޓު ކައިރީގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީގެންނެވެ. ވަޅިން ހަމަލާދީ މޫސާ މަރާލާފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް, 29 އެވެ.
މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު، މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އަދި، އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފަ އެވެ. އެ ވަޅި ފުލުހުން ނެގީ ފީނައިގެން މޫދު އަޑިންނެވެ.