ހުޅުމާލޭގައި އެންސިސް ފިޝަރީޒް އިން ގާއިމްކޮށްފައިވާ ކޭނަރީ ގަތުމާ ގުޅޭގޮތުން މިފްކޯ އިން މަޝްވަރާކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭގޮތުން މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެންސިސްގެ ކޭނަރީ ގަތުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިވަގުތު ކުރިއަށްދަނީ ކޭނަރީ ގަތުމުގެ މަޝްވަރާތައް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

"ފަހުގެ މެޝިނަރީ އާއި އާލާތްތަކާއެކު އިންވެސްޓު ކުރުމަށްފަހު، ދޮޅު އަހަރަށް ހުއްޓިފައި ހުރި، އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ލިބިގަތުމަށްޓަކައި ދިރާސާތައް ނިންމުމަށްފަހު، އެންސިސްއާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.

ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ ކޭނަރީ އެޅީ ޖަރުމަނު ޑިވެލޮޕްމަންޓް ބޭންކުން ހޯދި ލޯނަކުންނެވެ. އެއީ އީޔޫ އެޕްރޫވްޑް ފެކްޓަރީއެކެވެ.

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަކަށް ދުވާލަކު 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލް ހުރި ކޭނަރީއެކެވެ. އަދި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެ ފެކްޓަރީގައި ހުރެ އެވެ.

އެ ކޭނަރީގެ މަސައްކަތް ހުއްޓާލީ 2023 ވަނަ އަހަރު މިފްކޯއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ.