މީލާދީން 1518 ވަނަ އަހަރު ޖުލައި މަހުގެ ހޫނު ދުވަހެކެވެ. ފްރާންސްގެ ސިޓީއެއް ކަމަށްވާ ސްޓްރާސްބާގް މަގެއްގެ މައްޗަށް އަންހެނަކު ނުކުމެ ނަށަން ފެށި އެވެ. އެ ވަގުތު އެ ހިސާބުގައި މިޔުޒިކެއް ފެސްޓިވަލެއް ނުވަތަ އެހެން ވެސް ނަށަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް ފްރާއޫ ޓްރޮފިއާ ކިޔާ އަންހެން މީހާ ނަށަން ފެށި ނެށުމަށް ހުއްޓުމެއް ނަ އެވެ. މެދު ކެނޑުމެއް ނެތި ރެއާ ދުވާލު ނަށަމުން ގެންދިޔަ އެވެ. ދެން ފެނުނީ ފަހަރަކު މީހަކު އޭނާއާ ބައިވެ ނަށަން ފެށި ތަނެވެ. އެ އަދަދު ދިޔައީ މަތިވަމުންނެވެ. މަހެއްހާ ދުވަސް ވީއިރު ގާތްގަނޑަކަށް ޝަހަރުގެ ހުރިހާ އެންމެންހެން އެ ނެށުމުގެ ހަރަކާތުގައި ބައިވެރިވެއްޖެ އެވެ. ބައެއް މީހުން އަނބުރައި ގަނެގެން ވެއްޓެން ދެން ނެށީ އެވެ. އަނެއް ބަޔަކު ނެށުން ނުހުއްޓި ގޮސް މަރުވެގެން ވެއްޓުނީ އެވެ.
ގޮތް ނޭނގޭ ގޮތަކަށް ނަށަން ފެށި ނެށުން ފެށުނު ގޮތަކާއި ގާތްގަނޑަކަށް ދެތިން މަސް ފަހުން ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ކުއްލިއަކަށް އެ ހަރަކާތަށް ނިމުން އައި ގޮތަކީ އަދިވެސް ސީދާ ވަކި ގޮތަކަށް ނިންމަން ނޭނގިފައި އޮތް ކަމެކެވެ. ތަފާތު ތިއަރީތަކާއި ވާހަކަތައް އެކަމާ ގުޅޭ ގޮތުން ވަނީ އުފަންވެފަ އެވެ.
މިހާރުގެ އިރުމަތީ ފްރާންސްގެ ހިސާބަށް ނިސްބަތްވާ ސްޓްރާސްބާގް އޭރު އޮތީ ކްރިސްޓިއަން ދީނުގެ ހައްދު ފަހަނަޅާފައި އޮތް ރޯމަން އެމްޕަޔަރުގެ ދަށުގަ އެވެ. ބަނޑުހައިހޫނުކަމާއި ތަދުމަޑުކަން އޮތީ އާންމު ވެފަ އެވެ. ދިރިއުޅުމުގެ ދަތިކަމާ ހެދި މީސްތަކުންގެ އީމާންތެރިކަން ރޫހާނީ ބާރުތަކާ ދިމާޔަށް ދިޔައީ އެނބުރެމުންނެވެ.
އެއްވެސް ސަބަބަކާ ނުލައި ފެށި ނެށުން ފުރަތަމަ މާބޮޑު ކަމަކަށް ނުވިޔަސް މަޑުމަޑުން މީހުންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެންމެ ފަހުން މުޅި ޝަހަރު އިމަޖެންސީ ހާލަތަށް އަ އެވެ. ޝަހަރުގެ މުނިސިޕަލް ކައުންސިލުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގި އުޅެން ފެށި އެވެ. ތަފާތު ގޮތްގޮތަށް މަޝްވަރާކޮށް ހައްލު ހޯދަން އުޅުނު ކަމަށް ވިޔަސް އެއްވެސް ފިޔަވަޅަކުން ހައްލެއް ލިބޭ ގޮތެއް ނުވި އެވެ. ނަށަމުން ގެންދިޔަ މީހުންނަށް އެހީތެރިވުމުގެ ގޮތުން މުނިސިޕަލް ކައުންސިލުން މިއުޒިކް ކުޅޭ މީހުން ކުއްޔަށް ހިފައިގެން ގެންގޮސް އެ ސަރަހައްދުގައި މިއުޒިކް ކުޅޭނެ އިންތިޒާމް ހަމަޖައްސައިދީ ނެށުންތެރިންނަށްޓަކައި ޚާއްސަ ސްޓޭޖެއް ވެސް އަޅާ ދިނެވެ. އެގޮތުން ނެށުންތެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެ ކަމަށް ބަލާފަ އެވެ. އެކަމަކު ރަނގަޅު ވެދާނެކަމަށް ބަލައި ކައުންސިލުން ކުރި ހުރިހާ ކަމެއް ވެސް ބަދަލުވަމުން ދިޔައީ ނަށަމުން ދިޔަ މީހުންގެ ފޯރި އިތުރުވެ، ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބުނުވުމާ ދިމާޔަށެވެ.
ދިރާސާކުރާ ފަރާތްތަކަށް އަދިއަދަށް ވެސް މި ނެށުމުގެ ހަގީގަތާ މެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. އެހެން ނަމަވެސް މައިގަނޑު ދެތިން ތިއަރީއެއް ފާހަގަކުރެވި ގިނަ ބަޔަކު އެ ތިޔަރީތަކާ މެދު ވާހަކަ ދައްކާފައިވެ އެވެ.
އުޅެން ޖެހިފައި އޮތް ދަތި އުނދަގޫ ހާލަތުގެ ސަބަބުން ނަފުސާނީ ގޮތުން ސިކުނޑިއަށް ލިބުނު އިހުސާސްކުރަން ދަތި އުނދަގޫތަކެއްގެ ސަބަބުން ކުރިމަތިވި ހާދިސާއެއް ކަމަށް އެއްބަޔަކު ގަބޫލުކުރި އެވެ. ފައި ތިލަޔަށް ޖެހުނު ފަންގަސް ފަދަ ބަލިމަޑުކަމެއްގެ ސަބަބުން ކުރިމަތިވި މައްސަލައެއް ކަމަށް ގަބޫލުކުރި ބަޔަކު ވެސް ތިއްބެވެ. ދީނީ ގޮތުން ފެތުރިފައި އޮތް ބާތިލް އަގީދާއެއް ކަމަށްވާ، ފާފަތައް ފޮހެލުމަށް ނެށުމުން އެހީ ލިބޭ ކަމުގައި ހީވެފައި އޮތް ހީވުމަކީ ވެސް ސަބަބެއް ކަމަށް ވެދާނެކަމުގައި ބެލެވުނެވެ. ހަމަ އެފަދައިން އެ ދުވަސްވަރުގެ ސިޔާސީ ވެށި އޮތްގޮތުން ރައްޔިތުންނަށް ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިމާވަމުން ދިޔަ އުނދަގޫތަކާ ދެކޮޅު ހެދުމަށް ފެށި ހަރަކާތެއް ކަމަށް ގަބޫލުކުރި ބަޔަކު ވެސް ތިއްބެވެ.
މިއިން އެއްވެސް ތިއަރީއަކަށް ނުވަތަ ގަބޫލުކުރުމަކަށް ކަނޑައަޅަން ނޭނގުނު ކަމަކީ އެފަދަ ފުޅާ ގޮތެއްގައި ހިނގަމުން ދިޔަ ނެށުމުގެ ހަރަކާތް ދެމަސް ދުވަސް ފަހުން ކުއްލި ގޮތަކަށް ހުއްޓުނު ގޮތެކެވެ.
މި ހާދިސާއިން ލިބުނު އެންމެ މުހިންމު ފިލާވަޅަކީ އިޖުތިމާއީ ގޮތުން އުފެދޭ ނުތަނަވަސްކަމާއި ނަފުސާނީ މައްސަލަތަކާ ހުރި ގުޅުމެވެ.
މިއަދުގެ ހާލަތަށް ބަލާއިރު ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ގިނަ މީހުންގެ ޝައުގުވެރިކަން ހޯދަން ހިންގާ ހަރަކާތްތައް ބައެއްފަހަރަށް އެފަދަ ދަރަޖައަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑެވެ. މިއަދާ ޚިލާފަށް 1518 ވަނަ އަހަރު މީހުން ނެށީ ގިނަ ލައިކްތަކާއި ވިއުވާސް ހޯދާކަށް ނޫނެވެ. އޭގެ ބަދަލުގައި އެ މީހުން ނެށީ ދިމާވެފައި އޮތް ދަތި އުނދަގޫ މަޖުބޫރީ ހާލަތުން ސިކުނޑިއަށް ކުރި އަސަރުން އުފެދުނު ޖަޒުބާތުތައް ފާޅުކުރުމަށެވެ.