ބ. ތުޅާދޫ ފެނަކަ ބްރާންޗްގެ ހިންގުން މުޅީން ބޮއްސުންލާ ތަނުގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެ އެވެ.

"ހުރިހާ" އާއި ވާހަދެއްކި ތުޅާދޫ ފެނަކަ ބްރާންޗުގެ ސީނިއަރ މެނޭޖުމަންޓުގެ މުވައްޒަފަކު ވިދާޅުވީ އެބްރާންޗްގެ ހިންގުން އިންތިހާ ދަރަޖައަށް ގޯސްވެ، މުވައްޒަފުން ވަޒީއަށް ވެސް މިހާރު ނާންނަ ކަމަށެވެ. މީގެ ކުރިން ވަރަށް އުފަލުން ހިތްހަމަ ޖެހިގެން އުޅުނު މުވައްޒަފުންތަކެއް މިއަދު މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވެ ސަލާމް ބުނަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސިސްޓެންޓ މެނޭޖަރު އަލީ ނިމާލްގެ ޚުދުމުހުތާރު ސިފަތަކުން މުޅި ތަން ބިރުވެރި ނާމާން ތަނަކަށް ހަދައިފި ކަމަށާއި މިއަދު އެތަނުގައި އެއްވެސް އެކުވެރިކަމެއް، އެއްބައިވަންތަ ކަމެއް ނެތް ކަމުގަ އެވެ.

އޭނާ ވިދާޅުވީ މުޅި ފެނަކަ ބްރާންޗު ބޮއްސުންލާފައިވާ ކަމަށާއި އެގޮތުން ބްރާންޗް ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އެސިސްޓަންޓް މެނޭޖަރ އަލީ ނިމާލް ވަގުތުން މަގާމުން ދުރުކުރުމަށް މުވައްޒަފުން ގޮވާލަމުން ގެންދާ ކަމަށެވެ.

އޭނާ ބުނީ ނިމާލް ތަނުގެ ހިންގުމާއި ހަވާލުވި ފަހުން މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ވެސް އިންތިހާއަށް ގެންގުޅޭ ކަމަށާއި މުވައްޒަފުންގެ ވަޒީފާ ބަޔާންތައް އަލީ ނިމާލް ބޭނުންވާ ގޮތަކަށް ބަދަލުކޮށް، މުވައްޒަފުން ލައްވާ މަޖުބޫރު ކޮށްގެން މަސައްކަތްކުރުވަމުންދާ ކަމަށެވެ.

އެހެންކަމުން މިފަދަ އެތައް ނުބައި ހުދުމުހުތާރު ސިފަތަކެއް ހުރުމުން، އަލީ ނިމާލްގެ މައްސަލައާއި ގުޅިގެން އެތައް މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް ޕެޓިޝަންއެއް ހަދާ، ފެނަކަ ހެޑް އޮފީސް އަދި ރައީސް އޮފީހަށްވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މުވައްޒަފުންނާއި މެދު އިހާނެތިކޮށް ކަންކަން ކުރަމުންދިއުމުން އެވާހަކަ ދައްކާ މުވައްޒަފުންނަށް ވެސް އިންޒާރުތައް ދެމުން އަންނަ ކަމަށާއި އަދި މިވަގުތު ތަން ހިންގުމާއި ހަވާލުވެ ހުރީ ތިމަންނައޭ، ހަދާނީ ބޭނުން ގޮތެކޭ ބުނެ މުވައްޒަފުން ބިރުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑައެޅިގެން ވަޒީފާގެ ބަޔާނާއި ހިލާފަށް އަލީ ނިމާލް ކަންތައް ކުރަމުންއެދަނީ، މޫސާ ފަތުހީއަކީ ފެނަކައިގެ މެކޭނިކްއެއް، އޭނާއާއި މެދުވެސް ބޭނުންގޮތަކަށް ކަންތައްތައްކޮށް އެންމެ ފަހުން ނަފްސާނީ ގޮތުން ބަލިކަށިވެ މިހާރު ދަނީ ފަރުވާވެސް ހޯދަމަުން. މިކަންކަމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން، އަލީ ނިމާލް މަސައްކަތް ކުރަމުން އެދަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން، މިތަން މިއޮތީ ބޮއްސުންލާފައި"
ތުޅާދޫ ފެނަކަ ބުރާންޗުގެ ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކުރައްވާ މުވައްޒަފެއް

ނިމާލްގެ މައްސަލަ ބޮޑުވެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ކަމާބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެ ޕެޓިޝަނަށް ވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާކަމަށް އެތަނުގެ މުވައްޒަފުން ބުންޏެވެ.

މިކަމުގައި މުވައްޒަފުންގެ ނުހަނު ކަންބޮޑުވުންތަކެއް ހުރި އިރު، އެބްރާންޗްގައި 47 މުވައްޒަފުން މަސައްކަތްކުރަމުންދެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ދޯދިޔާވެ އޮފީސްތައް ހިންގުމުގައި ބޮއްސުންލާފައިވާކަން ގިނަ ބަޔަކު ދަނީ ފާހަނގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ.