ނިދުމުގެ ކުރިން ހަށިގަނޑު ރަނގަޅަށް ސްޓްރެޗް ކޮށްލުމަކީ އާދައިގެ ކަމެއް ގޮތުގައި ދެކުމަކީ ކުންހީއެކެވެ.
ނިދުމުގެ ކުރިން ހަށިގަނޑު ރަނގަޅަށް ހަމަޖައްސާލުމަށް ފަސް ވަރަކަށް މިނެޓަށް ނަމަވެސް ހަށިގަނޑު ސްޓްރެޗް ކޮށްލުމަކީ ގިނަ ފައިދާތަކެއް ލިބޭ ކަމެއްކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.
ދުވާލުގެ މަސައްކަތަށްފަހު ނިދުމުގެ ކުރިން ސްޓްރެޗް ކުރުމުން ހަށިގަނޑުގެ އެކި ތަންތަނުގައި ހުންނަ ރިހުންތައް ކަނޑުވާލައި ނިދަން ފަސޭހަ ވާނެކަމަށް ޑޮކްޓަރުން ބުނެ އެވެ.
ސްޓްރެޗް ކުރުމުން ހަށިގަނޑުގެ ޕެރަސިމްޕަތެޓިކް ނާވަސް ސިސްޓަމަށް އޭގެން ނުހަނު އަސަރުކުރެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސިކުނޑީގައި ހުރި ހާސްކަން ފިލުވާލައި، ހާޓް ރޭޓް ދައްކޮށް، ލޭގެ ޕްރެޝަރުވެސް ހަމަޖައްސާލަ ދެ އެވެ. އޭރުން އަރާމުކޮށް ނިދާލަށް ފަސޭހަވެގެން ދެ އެވެ.
ސްޓްރެޗް ކުރުމުން ހަށިގަނޑުގެ މަސްތަކުގައި ލޭ ދައުރުވުން ފަސޭހަކޮށްދީ، މުހިއްމު ނިއުޓްރިއަންޓްސް އާއި އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދެ އެވެ. އޭގެ ނަތީޖާއަކީ ހަށިގަނޑު ވަރަށް ބޮޑަށް ރިލެކްސް ވެގެން ދިއުމެވެ.
ސްޓްރެޗް ކުރާއިރު ރަނގަޅަށް ނޭވާލުމާއި ހަށިގަނޑުގެ މަސްތައް ހަމަޖެއްސުމަށް ރަނގަޅު ހަރަކާތްތައް ގެންގުޅުމަކީ މުހިއްމު ކަމެކެވެ. އޭރުން ދުވާލު މީހާގެ ހައްޓަށާއި ސިކުނޑިއަށް ލިބިފައި ހުންނަ ބަރުކަން ފިލާގޮސް ނަފްސާނީ ގޮތުން މީހާ ހަމަޖެހިގެން ދެ އެވެ.
އޭގެ ތެރޭގައި ތަނެއްގައި އިށީންދެފައި ހަށިގަނޑު ކުރިއަށް ދަމާލައި އަތް ބިންމަތީގައި ޖައްސާލައިގެން ހަދާ ޗައިލްޑް ޕޯސް އަކީ ވަރަށް ރަނގަޅު ސްޓްރެޗެކެވެ. މީގެ އިތުރުން ކެޓް ކައު ޕޯސް، ލެގް އަޕް ދަ ވޯލް، ނެކް ރޯލް ފަދަ ސްޓްރެޗްތައް ހިމެނުމަކީ މުހިއްމު ކަމެކެވެ.