މިދިޔަ މަހު ހިނގާދިޔަ އެއާ އިންޑިއާ ފްލައިޓް ހާދިސާގައި ފްލައިޓް ވެއްޓެން މެދުވެރިވީ ޕައިލެޓަށް އިންޖީނުގެ ފިއުލް ކަޓް އޮފް ސްވިޗް އޮޅުމުން ކަމަށް ރިޕޯޓަކުން ދައްކައިފި އެވެ.
މި ހާދިސާގައި އޭގެން ދަތުރުކުރި 260 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ގަރުނެއްގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އޭވިއޭޝަން ހާދިސާ އެވެ.
މިއާއެކު މި ހާދިސާ ތަހުގީގުކުރަން ފަށާފައިވާއިރު، އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން އާއްމުކުރި ރިޕޯޓެއްގައި ބުނީ ފްލައިޓް ނައްޓާލިތާ އިރުކޮޅެއް ފަހުން އިންޖީނު ނިއްވާލާ ސްވިޗުތައް ޕައިލެޓުންނަށް އޮޅުނު ކަމަށެވެ. އެހެންނަމަވެސް މިކަމުގައި ބޯޓު އުފެއްދި ބޮއެންގް އާއި އިންޖީނު އުފެއްދި ޖީއީ އިން އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭނެ ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އިންޑިއާގެ ޓާޓާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ އެއާ އިންޑިއާގެ މި ހާދިސާގެ ސަބަބުން އެއާ އިންޑިއާއަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު، ސީސީޓީވީ ފުޓޭޖް ދައްކާގޮތުން ބޯޓު ނައްޓާލިތާ އިރުކޮޅެއްވެސް ނުވަނީސް އިންޖީނުގެ ބާރު ދިޔުމުން ބޭނުންކުރާ ރެމް އެއާ ޓާބައިން ވަނީ ބޭނުން ކުރަން ފަށާފަ އެވެ.
ޕައިލެޓުން ތިބޭ ކޮކްޕިޓުގެ ރެކޯޑިން އިން ހާމަވި ގޮތުގައި ބޯޓުގެ އެންމެ ފަހު ވަގުތުކޮޅު އެއް ޕައިލެޓަކު ވަނީ އިންޖީނު ނިއްވާލީ ކީއްވެގެން ތޯ އަނެއް ޕައިލެޓާއި ސުވާލުކޮށްފަ އެވެ. އެއާއެކު ޕައިލެޓް އެހެން އެކަން ނުކުރާކަމަށް ބުނެ އެވެ. މިފަދައިން ކަން ކުރީ ކެޕްޓަން ކަމެއް ފަސްޓް އޮފިސާކަމެއް ހާމަވެފައެއް ނުވެ އެވެ.
މި ހާދިސާ ހިނގި ބޯޓުގެ ކެޕްޓަނަކީ އުމުރުން 56 އަހަރުގެ ސުމީތު ސަބަރުވާލް އެވެ. އޭނާގެ 15،638 ގަޑިއިރުގެ ތަޖުރިބާ ހުރިއިރު، ކޯޕައިލެޓަކީ 3،403 ގަޑިއިރުގެ ތަޖުރިބާ ހުރި އުމުރުން 32 އަހަރުގެ ކްލިވް ކުންދަރެވެ.
މި ރިޕޯޓާ ގުޅިގެން އޭވިއޭޝަން ދާއިރާ އާ ގުޅުން ހުރި ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މިގޮތުން ފްލައިޓް އުދުއްސާލާ ގަޑީގައި ޕައިލެޓުން ސްވިޗްތައް ނުނިއްވާނެ ކަމަށާއި، ހާއްސަކޮށް ސުމީތު ސަބަރުވާލް ފަދަ ތަޖުރިބާ ހުރި ފަރާތަކުން އެހެން ކަންކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މި ސްވިޗަކީ ބޯޓު ރަންވޭ އަށް ޖެއްސުމުން ނުވަތަ އިންޖީނުގައި އަލިފާން ރޯވުން ފަދަ ހާއްސަ ހާލަތްތަކެއްގައި ނިއްވާލާ ސްވިޗަކަށްވާއިރު، އެވަގުތު ބޯޓުގައި މިފަދަ ހާދިސާއެއް ކުރިމަތިވެފައެއް ނުވެ އެވެ.