ކުރީގެ ޑިފެންސް ޗީފް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ، ހަތް އަހަރު ފަހުން، ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
މި މައްސަލަ އިސްތިއުނާފުގެ މަރުހަލާގައި ހައިކޯޓުގައި އޮއްވައި ވަނީ ނިންމާލާފަ އެވެ. ޝިޔާމަށް މި ދައުވާ އުފުލާފައިވަނީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ވީއައިޕީ ގޭގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް، ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި ކަމުގެ ތުހުމަތުގަ އެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި ޝިޔާމްގެ ބައްޕަ އެ ތަނުގައި ދިރިއުޅުއްވީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އަދި ސިފައިންގެ ފަރާތުން އެކި ހިދުމަތްތައްވެސް އެ މުއްދަތުގައި ޝިޔާމްގެ ބައްޕައަށް ދީފައިވެ އެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.
މި ހުކުމާ ގުޅިގެން ދައުލަތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅީ މި އަހަރުގެ ޖަނަވަރީ މަހު އެވެ. ހައިކޯޓުން ދައުވާ އަނބުރާ ގެންދިއުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ހައިކޯޓުން ދައުވާ ބާތިލްކޮށް ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، މި މައްސަލަ ހިނގައިދިޔަތާ ހަތް އަހަރު ވެފައިވާއިރު، ޝިޔާމުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ނުވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް އެ އޮފީހަށް ނުފެންނަ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް ޗީފަކަށް ހުންނެވި ޝިޔާމްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2020 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، އޭސީސީން ފުރަތަމަ ނިންމާފައިވަނީ ޝިޔާމާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.