ކުރިއަށް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަަމަށް މޫސުމާ ބޭހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން މީގެ ކުރިން ވަނީ ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދުރާއްޖެތެރޭ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ދިޔަވަރު ބޯޑުވާ ވަގުތުތަކުގައި މާލޭ ކާނިވާ ސަރަހައްދައް ވަރަށް ބޮޑަށް މިދުވަސްވަރު އުދަ އަރަމުންދެ އެވެ.

މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ހދ. މަކުނުދޫއަށެވެ. މަކުނުދޫއަށް 23.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފަ އެވެ.