އާ ދިރާސާއަކުން ދައްކާ ގޮތުގައި މާމޮސެޓް ރާމާމަކުނު އުޅޭ ކުޑަ ގުރޫޕުތަކުގައި އެއް ރާމާމަކުނު އަނެއް ރާމާމަކުނަށް ގޮވަނީ ވަކި ނަމެއް ކިޔައިގެންނެވެ.

ސައިންސް ޖާނަލުގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކަނީ މިފަދަ އަމަލެއް ފެނިފައި ވަނީ މިހާތަނަށް ހަމައެކަނި އިންސާނުންނާއި، އެތާއި، ޑޮލްފިން އާ މިފަދަ ބައެއް ނަސްލުތަކުން ކަމުގަ އެވެ. ނަމަވެސް، މި ހޯދުމާއެކު މިފަދަ އަމަލެއް އިންސާނުން ނޫން އެހެން ޕްރައިމޭޓް (އިންސާނުންނާ އެއް ނަސްލެއްގެ) ޖަނަވާރަކުން ފެނުނު ފުރަތަމަ ފަހަރަށް ވެގެން ގޮސްފި އެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ މާމޮސެޓް ރާމާމަކުނުގެ ދެ ޖޯޑެއްގެ މެދުގައި ދެކެވޭ 'ފީ-ކޯލް' ގެ ނަމުން މަޝްހޫރު ވާހަކަ ދެއްކުމުގެ މުއާސަލާތީ ނިޒާމް ރެކޯޑްކޮށްފަ އެވެ. މި ހޯދުންތަކުން ދައްކާ ގޮތުގައި، މި ރާމާމަކުނުތައް ބޭނުންކުރަނީ މި ކޯލްތައް އެމީހުންގެ އާއިލާގެ އެހެން މެންބަރުންނަށް ވަކި ނަމެއް ކިޔުމަށެވެ.

މީގެ އިތުރުން، އެ މީހުންނަށް ވަކިން އަމާޒުކޮށް ގޮވާ ގޮވުންތަކަށް މި ރާމާމަކުނުތައް ދެނީ ވަކި ޖަވާބުތަކެއް ކަމަށާއި، އެ ޖަވާބުތައް ހުންނަނީ އެކަށީގެންވާ ސީދާކަމަކާއެކު ކަމަށް ވެސް މި ދިރާސާއިން ދައްކަ އެވެ.

މި ދިރާސާގެ މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޭވިޑް އޯމާ ސީއެންއެން އަށް ވިދާޅުވީ، އިންސާނުން ނޫން އެހެން ޕްރައިމޭޓުންގެ ތެރެއިން މިފަދަ އަމަލެއް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

މި ހޯދުމުގެ ސަބަބުން މިފަދަ މުއާސަލާތީ ނިޒާމެއް ޖަނަވާރުންގެ ތެރޭގައި މަދެއްތޯ ނުވަތަ ހަމައެކަނި ދިރާސާ ކުރެވިފައި ނެތީތޯ މިހާރު ސުވާލު އުފެދިއްޖެ އެވެ.

ނޮދަން އެރިޒޯނާ ޔުނިވާސިޓީގެ ބަޔޮލޮޖީގެ ޕްރޮފެސާ ކޮން ސްލޮބޮޑްޗިކޮފް ދަ ވޮޝިންގްޓަން ޕޯސްޓަށް ވިދާޅުވީ، ދިރާސާތަކަށް ބޭނުންކުރާ އުސޫލުތަކާއި، އަޑު ދިރާސާކުރުމުގެ ޓެކްނިކްތައް އިތުރަށް ތަރައްގީވަމުންދާ ވަރަކަށް، އެހެން ގިނަ ޖަނަވާރުންގެ މުއާސަލާތީ ނިޒާމް މިހާރު ހީކުރާ ވަރަށް ވުރެ މާ ރަނގަޅަށް ހޯދިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.