ރައީސުލްޖުމްހޫރިއްޔާގެ އަބަދުވެސް ވިސްނުންފުޅަކީ ގައުމީ އެއާލައިނަށް އިސްކަންދިނުން ކަމަށާއި ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބޯޓަކަށް ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވަ އެވެ.
ނޫވިލު ސީޕްލޭން ޓާމިނަލްގެ ބިޒްނަސް ލައުންޖުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތަކުގެ އިންތިޒާމްތައް ނިންމުމަށްފަހު ނެރޯ ބޮޑީ އެއާލައިންތަކަށް އަދި އެއަށްފަހު ވައިޑްބޮޑީޑް އެއާކްރާފްޓްތައް އިންކޯޕަރޭޓް ކުރެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ފިނި މޫސުން ފެށުމުގެ ކުރިން އާ ޓާމިނަލް ބޭނުންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީފް ދާޅުވީ ޖުލައި 26 ގައި އައު ޓާމިނަލް ހުޅުވިގެން މިދަނީ އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޮޑު ހިއްސާ އެއް މިކަމުގައި އެބަ އޮތް ކަމަށާއި އެގޮތުން ކޮންޓްރެކްޓްރާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރި އިރު ކޮމާޝަލް އެއްވެސް އޭރިއާއެއް ނުހިމެނޭއިރު އެކަން ކުރަންޖެހުނީ އިތުރު ޚަރަދުތައް ކޮށްގެން، ވަކި ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއޭސީއެލްގެ ހިންގުން ހަވާލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިރުޝާދު ދެއްވި ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަވަހަށް ހުޅުވުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އިރުޝާދު ދެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖާ ޕްރޮފައިލްއަކީ 98 އިންސައްތަ ކަމަށްވިޔަސް މިހާރު ބޭނުންކުރަމުން އަންނަ, 1978 ވަނަ އަހަރު ހެދި ޓާމިނަލް އާއެކު ޓާމިނަލްގެ އޮޕަރޭޝަނަށް އިންތިހާއަށް ދަތިތައް ކުރިމަތި ވަމުންދާތީ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރުގެ ޓާމިނަލް އާއެކު ދުވާލަކަށް ޚިދުމަތް ދެވެނީ 2700 އާއި 3000 ޕެސެންޖަރުންނަށް ކަމަށެވެ. ނަމަވެސް މި ދަތިތަކާއެކުވެސް މިދިޔަ އަހަރު އެއްދުވަހާ 23،000 ޕެސެންޖަރުންނަށް ހިދުމަތް ދޭން ޖެހުނު ކަމަށާއި މިއީ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ދުވާލަކު އެއް ފަހަރު ކަހަލަ ގޮތަކަށް ރައީސް މުއިއްޒު ގުޅުއްވައި އެ މަސައްކަތުގެ ކަންކަން ގާތުން ބައްލަވަމުން އަންނަ ކަމަށެވެ. މި މަސައްކަތްތައް އަވަސް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި ރިސޯސަސް ވެސް އެ މަނިކުފާނު ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ސަރުކާރުން ހަވާލުވިއިރު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާތާ ނުވަ އަހަރު ވެފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ނިންމުނީ 54 އިންސައްތަ މަސައްކަތް ކަމަށެވެ. އެހެންކަމުން ރައީސްގެ އިރުޝާދަކަށްވީ މި ގައުމުގެ ފަތުރުވެރިކަން ފުޅާކޮށް އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އަވަހަށް ނިންމުން ކަމަށާއި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އިރުޝާދަށް ޝުކުރު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވީ, ހިނގަހިނގާ އޮންނަ އެއާޕޯޓެއްގެ ޓާމިނަލްއެއް އެހެން ތަނަކަށް ބަދަލުކުރެވޭނީ އެކަމަށް ހާއްސަ ނިޒާމެއް ކަމަށްވާ އޮރާޓް ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އަދި އޮރާޓް ޕްރޮސެސް ކުރިއަށް ގެންދިއުމަށް އެމްއޭސީއެލް އިން ފަންނީ ކޮންސަލްޓަންޓެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށާއި އާ ޓާމިނަލް ހުޅުވުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަނީ އެ ކޮންސަލްޓަންޓުގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވި އެވެ.