އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނައީއަށް އަމާޒުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރަށް ޚާމަނައީ ރައްދު ދެއްވައިފި އެވެ.
އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ޓްރަމްޕް ވަނީ އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ އަތްދަށުގައި އޮތް ކަމަށާއި، ޚާމަނައީ ހުންނެވި ތަން އެނގޭ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް "މިވަގުތަށް" ޚާމަނައީ އަވަހާރަނުކޮށްލާ ދޫކޮށްލާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މިއާއެކު ޚާމަނައީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔަހޫދީންނަށް ވަރުގަދަ ރައްދެއް ދޭން ޖެހޭކަމަށާއި މިކަމުގައި އެންމެ ތަންކޮޅެއް ވެސް ދޫނުކުރައްވާނެ ކަމަށެވެ.
ހަމައެއާއެކު އޭގެ ފަހުން ޚާމަނައީ ފާރިސީ ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަނޑިއެއް ހިފައިގެން ހުރި މީހަކު ދަނގަޑު ދޮރަކާ ދިމާލަށް ދާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރައްވަމުން ވިދާޅުވީ ހަނގުރާމަ ފެށުނީ ކަމަށެވެ.
އީރާނުން އިޒްރޭލަށް ރޭ ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިގޮތުން ފުރަތަމަ ބުރުގައި 15 މިސައިލް ފޮނުވާލާފައިވާއިރު، ހަމަލާގެ ދެ ވަނަ ބުރުގައި 10 މިސައިލް ފޮނުވާލާ އިޒްރޭލުގެ މެދުގެ ސަރަހައްދުތަކަށް ވަނީ ހަމަލާދީފަ އެވެ.
އޭގެ ތެރޭގައި ޔަހޫދީ ފައުޖުގެ މަރުކަޒެއްވެސް ހިމެނެ އެވެ. އީރާނުގެ މި ހަމަލާތަކުގައި މިހާތަނަށް ޔަހޫދީންގެ 24 މީހުން މަރުވެ އެތައް ސަތޭކަ މީހުން ވަނީ ޒަހަމްވެފަ އެވެ.