ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ އަލުން އެމްޑީޕީއާ ގުޅެން ނިންމައިފި އެވެ.

މިއަދު ހަވީރު ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ވަނީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގްރާރުވެ ގަރާރެއް ފާސްކޮށްފަ އެވެ.

އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ހުށަހެޅުއްވި ގަރާރެކެވެ. އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅުއްވި އެ ގަރާރު ވަނީ ފާސްވެފަ އެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.

ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމަކަށްފަހު އެވެ. ނަޝީދު ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ވެސް ކެމްޕޭން ކުރައްވާފަ އެވެ.

ނަޝީދާއި ރައީސް ސޯލިހާ ދެމެދު މައްސަލަ ޖެހުނީ ރިޔާސީ ޓިކެޓް ނަޝީދަށް ނުލިބުމުންނެވެ. ނިމިދިޔަ ދެ އިންތިހާބުގައި ވެސް ނަޝީދު މަސައްކަތް ކުރެއްވީ އެމްޑީޕީއާ ދެކޮޅަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި މި ސަރުކާރާ ގުޅިގެން ވެސް ބައެއް މަސައްކަތްތައް ކުރައްވާފައިވެއެވެ.

އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވަނީ ރިޔާސީ ޓިކެޓްގެ ދަހިވެތިކަމުގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަށް ލިބިފައި ވަނީ އެންމެ 15،000 ވޯޓެވެ.