ޓެލްއަވިވް- (ޖޫން 15)- އިޒްރޭލަށް ރޭ އެންމެ ފަހުން ދިން ހަމަލާތަކުގައި އީރާނުން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ރޭ ދަންވަރު އިޒްރޭލަށް ދިން ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ހަޖު ގާސިމް ގައިޑެޑް ބެލިސްޓިކް މިސައިލެވެ.

މީގެ އިތުރުން ހައިފާ އަދި ޓެލް އަވީވަށް އަމާޒުކޮށް ފޮނުވާލި މިސައިލް ތަކުގެ ތެރޭގައި އިމާދު، ޣަދުރު އަދި ޚައިބަރު ޝެކަން ހިމެނޭ ކަމަށް އީރާނުން ބުނެ އެވެ.

އީރާނުން ރޭ ފޮނުވާލި މިސައިލްތަކެއް ޖޭރޫސަލަމް މަތިން ދަތުރުކުރަނީ. ރޭގެ ހަމަލާގައި އިޒްރޭލުގެ އެތައްތަނެއް ފުނޑުފުނޑުވި. ފޮޓޯ: އޭޕީ

އިމާދު ބެލިސްޓިކް މިސައިލް އަކީ ޣަދުރުގެ އަޕްގްރޭޑް ކޮށްފައިވާ ވޭރިއަންޓެކެވެ. މިއީ އިތުރަށް ގައިޑެންސް އަދި އެކިއުރަސީ ރަނގަޅު ކުރެވިފައިވާ މިސައިލްއެކެވެ. މި މިސައިލް ޓެސްޓުކޮށް ކޮމިޝަން ކުރީ 2015ގެ ފަހުކޮޅު އެވެ.

މި މިސައިލްގައި އަލަށް ހިމަނާފައިވާ ސިފަތަކުގެ ތެރޭގައި އަރިއަރިއަށް އެނބުރުމުގެ ގާބިލުކަން ލިބިފައިވާ ވޯހެޑެއް ހިމެނޭ ކަމަށްވެ އެވެ. މި ވޯހެޑުގެ ބޭސްގައި ކޮތަރި ބަރި އެއް ހުރެއެވެ. މިއީ ޖައްވުގެ ތެރެއަށް އަނބުރާ ވަދެ، އަމާޒަށް ދިއުމަށް ހުންގާން ހިފުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

އިރާނުގެ މިލިޓަރީ އޮފިޝަލުން ބުނާގޮތުގައި އިމާދު އަކީ އަމާޒަށް ވާސިލު ވަންދެން ފުލް ގައިޑެންސް އަދި ކޮންޓްރޯލް ކުރެވޭ މިސައިލްއެކެވެ. މިއީ އިރާނުގެ ފުރަތަމަ ޕްރެސިޝަން- ގައިޑެޑް މިސައިލް އެވެ.

އީރާނުން ރޭ ފޮނުވާލި މިސައިލްތަކެއް އިޒްރޭލްގެ ޓެލްއަލްވީވަށް ވެއްޓެނީ. ފޮޓޯ: އޭޕީ

މެއި މަހުގެ 4 ވަނަ ދުވަހު އީރާނުގެ ދިފާއީ ވަޒީރު ޖެނެރަލް އަޒީޒް ނާސިރުޒާދާ އީރާނުގެ ޓީވީގައި ވިދާޅުވެފައިވަނީ އާ މިސައިލަކީ އިޒްރޭލްގައި ބަހައްޓާފައިވާ އެމެރިކާގެ އަސްކަރިއްޔާގެ ޓާމިނަލް ހައި އަލްޓިޓިއުޑް ޑިފެންސް (ތާޑް) އާއި އިޒްރޭލުން ބޭނުންކުރާ ޕެޓްރިއޮޓް މިސައިލް ޑިފެންސް ފަދަ އެހެނިހެން މިސައިލް ޑިފެންސް ސިސްޓަމްތައް ފަދަ ދިފާއީ ނިޒާމުތަކުން ސަލާމަތްވުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށެވެ.

ރޭ އިޒްރޭލުގެ ޓެލްއަވީވަށް އީރާނުގެ ބެލިސްޓިކް މިސައިލަކުން ހަމަލާދިން ހަމަލާގައި އިމާރާތްތަކެއް ފުނޑުފުނޑުވެފައި. ފޮޓޯ: އޭއެފްޕީ

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން މެއި މަހުގެ ކުރީކޮޅު މި މިސައިލް ތައާރަފްކުރީ ބާރުގަދަ ތެޔޮ އަޅާ، 1،200 ކިލޯމީޓަރުގެ ރާސްތާއެއް ހުންނަ މިސައިލެއް ކަމަށާއި، މި ސައިލް-ޑިފެންސް ސިސްޓަމްތަކަށް ވަދެދާނެ ފަދަ ހަރުކަށި ވޯހެޑެއް އެ މިސައިލްގައި ހަރުކޮށްފައިވެ އެވެ.

މި މިސައިލަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ސްޕެޝަލް އޮޕަރޭޝަންސް ޔުނިޓް ކަމަށްވާ ގުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ނަމުން ނަން ދީފައިވާ މިސައިލެކެވެ. އޭނާ އަވަހާރަވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އިރާގަށް އެމެރިކާއިން ދިން ހަމަލާއެއްގަ އެވެ. -- ސީއެންއެން