ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަން ގުޅިގެން މިއަދު ހެނދުނު 8:30 އިން ފެށިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު ޝްރީ ޖީ ބާލަސުބްރަމާނިއަމް، އިންޑިއަން ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒިފުންގެ އިތުރުން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ހަމައެހެންމެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒިފުންވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނާއެކު މަސައްކަތްކުރުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް، އަދި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މުހިންމުކަން މި ހަރަކާތުން ފާހަގަކޮށްދޭ،" ސީއީއޯ ވިދާޅުވި އެވެ.

އިންޑިއަން ހައި ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހަރަކާތް އިންތިޒާމުކޮށްފައިވާ ގޮތާއި މެހެމާންދާރީ އަދާކުރި ގޮތް ފާހަގަކޮށްލަންޖެހެއެވެ.

"ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި އަމަލެއް، މިއީ މިއަހަރު އިންޑިއަން ހައި ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރު، މިކަމުން ދިވެހި އަޚުންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ހާމަވެގެންދޭ" އިންޑިއާ ހައިކޮމިޝަނަރު ވިދާޅުވި އެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އާންމުންނަށް އޮޅުންފިލައި، ލޭ ހަދިޔާކުރުމަށް ޝައުގުވެރިވާ ފަރާތްތައް އިތުރުވެގެންދާކަމަށް ބެލެވެ އެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުވެގެންދާކަން ފާހަގަކުރެވިފައިވެ އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ދުވަހެކެވެ.