ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިޒްރޭލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށާއި، އަސްކަރިއްޔާގެ އިސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދު ހަމަލާތަކުން ޔަހޫދީން ސަލާމަތްކޮށްދޭން އެމެރިކާގެ އެއާ ޑިފެންސް ސިސްޓަމާއި، ނޭވީ ޑިސްޓްރޯޔާއިން އެހީވާން ފަށައިފި އެވެ.

މެދު އިރުމަތީގައި އެމެރިކާއިން ހަމަބިމުގައި ހުންނަ ޕެޓްރިއޮޓް މިސައިލް ސިސްޓަމަކާއި، ފަރުބަދަތައް މަތީގައި ވެސް އެއާ ޑިފެންސް ސިސްޓަމެއް ބިނާކޮށްފައިވާއިރު، މިއީ އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ބަލިސްޓިކް މިސައިލް މަތަކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމްތަކެކެވެ.

މީގެ އިތުރުންވެސް މެދު އިރުމަތީގައި އޮންނަ ނޭވީ ޑިސްޓްރޯޔާ އިން ވެސް ހަމަލާތަކެއް މަތަކުރިއިރު، އެމެރިކާ އިން އިޒްރޭލަށް އަސްކަރީ އެހީ ފޮނުވަން ވަނީ ފަށާފަ އެވެ.

މިގޮތުން ޔަހޫދީން ބޭނުންވާ ހިނދެއްގައި ބޭނުންކުރުމަށް، ބަލިސްޓިކް މިސައިލް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ޔޫއެސްއެސް ތޯމަސް ހަޑްނާ ދަނީ މިހާރު ހުޅަނގު މެޑިޓަރޭނިއަން ކަނޑުން އިރުމަތީ މެޑިޓަރޭނިއަން ކަނޑަށް ދަތުރުކުރަމުންނެވެ.

މީގެ އިތުރުންވެސް އޮފިޝަލުން ވިދާޅުވި ގޮތުގައި އެމެރިކާގެ ފައިޓާ ޖެޓުތައް އަންނަނީ މެދު އިރުމަތީގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާގެ ރައްދުގައި އީރާނުން ވަނީ އެތައް ސަތޭކަ މިސައިލެއް އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

މި ހަމަލާތައް ހުއްޓުވަން އެމެރިކާ އާއި އިޒްރޭލުން މަސައްކަތްކުރި ނަމަވެސް، އެމީހުންގެ ޑިފެންސް ސިސްޓަމް ފޫ އަޅުވާލާ ބައެއް ހަމަލާތައް އިޒްރޭލުން މިސައިލް އުފައްދާ ސެންޓަރުތަކަކަށާއި، ޔަހޫދީ ފައުޖުގެ ބައެއް ތަކެއްޗަށް އަމާޒުވެފައިވާކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

މި ހަމަލާތަކުގައި އިޒްރޭލުގެ ގުޝް ދާނުން 34 މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސް ކަމަށް އިޒްރޭލުގެ އެމަޖެންސީ މެގަން ޑޭވިޑް އެޑޮމް (އެމްޑީއޭ) އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުންވެސް އިޒްރޭލުގެ ވެރިރަށް ޓެލް އަވީވް އާއި ގުދުސް އިން ވެސް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފަ އެވެ.