ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މުހައްމަދު ނަބީލް (ޔާޔާ)ގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ރޭ ބުނީ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން އަހުލާގީ މިންގަނޑަށް ނުފެތޭ ވީޑިއޯތައް އާއްމުކޮށްހެދުމުގެ ސަބަބުން ނަބީލުވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.

އޭނާ އެފަދަ ކަންކަން ތަކުރާރު ކުރަންފެށުމުން އަނެއްކާވެސް ފުލުހުން މިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އެކަން ކުރީ މިދިޔަ މަހުގެ 27 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ވަނީ ބުނެފަ އެވެ.

2022 ވަނަ އަހަރު އޮރިޔާން ކާޑު ހެދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެ، އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް ކޮށްފައި ވެއެވެ.