ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު 18 ކިލޯގެ ޑްރަގް ކްލިއާކުރަން ދިޔަ ބިދޭސީ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ބެންގަލޫރުން އައި ފްލައިޓަކުން ގަސް ޕޮޓްތަކެއްގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގު ކަސްޓަމްސްއިން އަތުލައިގަތީ، ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެތަކެތީގެ މަގުމަތީ އަގަކީ 26 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"އެ ބިދޭސީ މީހާއަކީ ކާގޯ ކްލިއާ ކުރުމަށް ދިޔަ މީހެއް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ ކެނަބިނޮއިޑްސް ކިޔާ ބާވަތެއްގެ މަސްތުވާތަކެތި ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މި ތަކެތި އަތުލައިގެންފައި ވަނީ އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓަކުންނެވެ.

ރޭގެ އޮޕަރޭޝަނުގެ ފޮޓޯތަކުން ހާމަވާ ގޮތުގައި ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގެތެރޭގައި ފޮރުވައިފައިވާ މި ތަކެތި ހުރީ ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ ޕެކެޓްގައި ވަކިވަކިން ބަންދުކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ރާއްޖޭގެ ބޯޑަރު ފުރިހަމައަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަ ކުރަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.