މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މުހައްމަދު އަނަސްގެ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށްފަހު އެ މީހުން ބަންދުކުރަން ދެފަހަރަށް އެދުމުން ވެސް ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރުމަށެވެ.

އެހެންވެ, ދެވަނަ ފަހަރަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅުމުން އެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން މިއަދު ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރިން ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް މިދިޔަ މަހު ހައި ކޯޓުން އަނެއްކާވެސް ނިންމީ އެ މީހުންބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.