މާމިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އަރިއަތޮޅު ދެކުނުބުރީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ޔުނިޓް ގުޅިގެން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ އުމުރުން 27 އަހަރާއި 39 އަހަރާ ދެމެދުގެ ފަސް ފިރިހެނުންނެވެ.
މި މައްސަލާގައި ހައްޔަރުކުރީ އދ. މާމިގިލި، ރީފްސައިޑް، ރިސްވާން އިބްރާހިމް 30އ، ވިލެޖް، އަހުމަދު ފިރުޝާން 28އ، ރޯޅި، މުހައްމަދު ޝަހުދު 27އ، ކުވައިތު، މުހައްމަދު މަހުމޫދު 34އ އަދި އެވަރެސްޓް، އަލީ ޝާނީޒް 39އ އެވެ.
މި ފަސް މީހުންނާ ގުޅިގެން ހަތް ތަނެއް ބަލައި ފާސްކުރެވުނު އިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، އަނެއް ތިން މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްގެންދަމުންނެވެ.