މިފްކޯގެ ހިންގުމަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވި ކަމަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިޓާލީ ވިދާޅުވީ ކުންފުނީގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރަމުންދިޔަ ކަމަށެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ޕްރޮފެޝަނަލް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބަދަލުތަކެއް ގެންނަން އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮންޖެހުންތަކާއެކު ވެސް ކުރު މުއްދަތެއްގެ ތެރޭގައި ވިޔަފާރީގެ މަރުހަލާތައް ފަސޭހަ ކުރެވި، މެނޭޖްމަންޓު ސްޓްރަކްޗާއަށް ރަނގަޅު ބަދަލުތަކެއް ގެނެވުނު ކަމަށެވެ. އޭގެ ސަބަބުން ކުންފުނީގެ ޕާފޯމެންސް އިންޑިކޭޓާސް ބަދަލުވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުންފުނި އަމާޒު ހިފާފައި ހުރީ ހަރަދު ކުޑަވުމާއި ފައިދާ ނެރުމާ ދިމާލަށް. އެ ބަދަލުތަކުގެ ސަބަބުން ފެނުނު ރަނގަޅު ނަތީޖާ ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުންނަށް ފާހަގަ ކުރެވުނު އަދި އިހުސާސްވި،" ވިޓަލީ ވިދާޅުވި އެވެ.

މިފްކޯގައި ކޮރަޕްޝަން ކިހާވަރަކަށް އޮތްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ކުންފުނީގައި ކޮރަޕްޝަން އޮތް މިންވަރާ ގުޅޭގޮތުން އޭނާއަށް އެއްޗެއް ނުދެންނެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދެފުށް ފެންނަ ވިޔަފާރީގެ ހަމަތަކުގެ މަތިން މިފްކޯ ހިންގައިފިނަމަ އިގްތިސޯދީގޮތުން ބޮޑެތި ފުރުސަތުތަކެއް އެ ކުންފުންޏަށް ލިބޭނެ ކަމަށެވެ.

"މިފްކޯއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވަކި ހާއްސަ ދާއިރާއެއްގައި ހިންގަމުން އަންނަ އަދި އިގްތިސާދީ ގޮތުން ވެސް ބޮޑެތި ފުރުސަތުތަކެއް އޮތް ކުންފުންޏެއް. ޓްރާންސްޕޭރެންސީ އާއި ވިޔަފާރީގެ ސުލޫކު ހިފަހައްޓައިފި ނަމަ، މިފްކޯއަކީ ދިވެހިރާއްޖޭގެ ފަހުރަކަށް ހެދޭނެ. މިފްކޯއަކީ އެފިޝަންޓް ގައުމީ އެންޓަޕްރައިސްއަކަށް ހެދޭނެ. މިފްކޯއަކީ ގައުމީ އިގްތިސާދު ކުރިއަރުވައިދޭނެ ކުންފުންޏަކަށް ހެދޭނެ،" ވިޓަލީ ވިދާޅުވި އެވެ.