އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނުތަކުގެ ސަބަބުން ޝަހީދުވި މީހުންނާއި ޒަހަމްވިމީހުން އަދި ޔަހޫދީންގެ ހައްޔަރުގައި ތިބި މީހުންގެ އާއިލާތަކުގެ ތެރެއިން 1،000 މީހުންނަށް ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުދޭން އަންގައިފި އެވެ.

ސައުދީ ސަރުކާރުން ބުނީ ރަސްގެފާނުގެ މި ނިންމެވުމާ ގުޅިގެން މިނިސްޓާ އޮފް އިސްލާމިކް އެފެއާސް، ކޯލް އެންޑް ގައިޑެންސް އަދި ހައްޖުވެރިންގެ ޕްރޮގްރާމްގެ ޖެނެރަލް ސުޕަވައިޒަރު ޝައިޚް އަބްދުލްލަތީފް އަލްޝައިޚް، ސައުދީގެ ބޮޑުވަޒީރު ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކޮށްފައިވާކަމަށެވެ.

މިކަމުން ސައުދީން ފަލަސްތީނާއި އިސްލާމީ ވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް ސައުދީގެ ޝާހީ އާއިލާއިންދޭ އަހަންމިއްޔަތުކަން ފާހަގަވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަލްޝެއިޚް ވިދާޅުވީ މިނިސްޓްރީން މިކަމަށް ކުރަންޖެހޭ ކަންކަން ވަގުތުން ފަށާފައިވާ ކަމަށާއި ފަލަސްތީނުގެ ބިމުން ހައްޖާޖީން ފުރާ ވަގުތުން ފެށިގެން އެމީހުންނަށް ބޭނުންވާ ހިދުމަތްތައް ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށް އެނބުރި ފަލަސްތީނަށް ދަންދެން ފުރިހަމަ ރައްކާތެރިކަމާއެކު ލިބޭނެ ކަން ކަށަވަރުކުރާނެ ކަމަށެވެ.

ރަސްގެފާނުގެ ހަރަދުގައި އެކި ގައުމުތަކުން މީހުންނަށް ހައްޖުގެ އަޅުކަމުގެ ފުރުސަތު ދިނުމަށް ހިޖުރީ ގޮތުން 1417 އަހަރު ފެށިފަހުން މިހާތަނަށް 64،000 އަށް ވުރެ ގިނަ މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދީފައިވާކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.