މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ލަފާދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީގެ ރިޕޯޓް ގެއްލިއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފަހި ޔޫނިއަން އިން އެ ރިޕޯޓް ހޯދުމަށް ހައުސިން މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ދީފައެއްނުވެ އެވެ. އެހެންވެ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ މައްސަލަ ހުށަހެޅިއެވެ.
މިއަދު ވަނީ އެކަމާ ގުޅިގެން އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ބައިވެރިވި ހައުސިން މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ހައުސިންގ މިނިސްޓްރީ ހިނގަމުން ދިޔަ އިމާރާތް އެނދުމުގެ ސަބަބުން މިނިސްޓްރީގެ ސާވާ އަށް ގެއްލުންތަކެއް ލިބުނު ގެއްލުން ރިކަވާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ. އަދި ރިކަވާ ނުކުރެވޭނަމަ އެ ރިޕޯޓް ނޯންނާނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ފަހި ޔޫނީއަނުން ވަނީ ފްލެޓް ކޮމިޓީއަށް ކުރި ޚަރަދުގެ ތަފްސީލު ހޯދުމަށް ވެސް އެދިފަ އެވެ. އެ މައުލޫމާތު ނުދީގެން މިއަދު އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ލީގަލް އޮފިސަރު ވިދާޅުވީ "ހައުސިން މިނިސްޓްރީގެ ޕޯޓްފޯލިއޯ ބަދަލު ވެގެން އައި އިރު އެބައިގެ ތެރޭގައި ޚަރަދުތަކާ ބެހޭ ތަފްސީލެއް ނެތް" ކަމަށެވެ.
އެ މައުލޫމާތު ހޯދަން ޖެހޭނީ ކޮން ދިމާލަކުންތޯ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސުވާލުކުރުމުން ލީގަލް އޮފިސަރު ވިދާޅުވީ އެ މިނިސްޓްރީގެ ކޯޕަރޭޓް ސެކްޝަނުން ކުރީގެ ހައުސިންގ މިނިސްޓްރީގެ ފައިސާ އާ ބެހޭ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން އެއްވެސް އެއްޗެއް ނުފޮރުވައި ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ ބަހާއި އަމަލު ދިމަލެއްނުވެ އެވެ.
ސަރުކާރުގެ ގިނަ އިދާރާތަކުން މައުލޫމާތު ނުދޭން އެކި ބަހަނާތައް ދައްކަނީއެވެ. އިންފޮމޭޝަން ކޮމިޝަނުގެ އޮފީހަށް އެފަދަ ގިނަ މައްސަލަތަކެއް ވަނީ ހުށަހެޅިފަ އެވެ.