ދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، ގެ ބަންދަށް 20 ދުވަސް އިތުރުކުރި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
ރައުދުގެ ފަރާތުން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފުލުހުން ރައުދުގެ ބަންދު އިތުރު ކުރުމަށް ހުށަހެޅުމުގައި ނުބައި މާއްދާއަކާ ހަވާލާދީފައިވުން ހިމެނެ އެވެ. އަދި އެއީ އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރި ކަމަށް ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ބަންދުގެ މުއްދަތު އިތުރުކުރަން ހަވާލާދިން މާއްދާގައި ބުނާގޮތަށް ހިލާފަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.