ގަތަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް އަގުބޮޑު ޖެޓެއް ހަދިޔާކުރަން ނިންމާފައިވާކަން ހާމަވެއްޖެ އެވެ.
ބޮއެންގް 747-8 އެއާލައިން އެމެރިކާގެ ރައީސްގެ ރަސްމީ މަތިންދާބޯޓުގެ ގޮތުގައި ބޭނުންކުރުމާ މެދު ވެސް ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުން އަންނައިރު މިކަމާ ގުޅޭ ގޮތުން ގަތަރުން ބުނީ އަދި މިކަމާ މެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
ޓްރަމްޕް އޭނާގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ ގަތަރުން ދޭ މި ހަދިޔާ ގަބޫލުކުރާނެ ކަމަށެވެ.
ޝާހީ އާއިލާތަކުން އެމެރިކާގެ ރައީސުންނަށް ހަދިޔާ ދިނުމަކީ އާއްމުކަމަކަށްވާއިރު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަގުހުރި މި ޖެޓަކީ މިހާތަނަށް އެމެރިކާގެ ސަރުކާރަކަށް އެހެން ގައުމަކުން ލިބުނު އެންމެ އަގު ބޮޑު ހަދިޔާ އެވެ.
މިއާއެކު އިދިކޮޅުން ޓްރަމްޕަށް ވަނީ ފާޑުކިޔާފަ އެވެ. މިގޮތުން މިއީ އެމެރިކާގެ ގާނޫނާއި ހިލާފު ކަމެއް ކަމަށާއި ގަތަރުން ގެންނަ މަތިންދާ ބޯޓެއްގައި "އެމެރިކާ ފަސްޓް" ނުވަތަ "އެންމެ ފުރަތަމަ އެމެރިކާ"، މި ޝިއާރު ބޭނުންކުރުން ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.