ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ ތަޖުރިބާކާރު ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) މިރޭ އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ނަޒީރު އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ސ. ހުޅުދުއަށް އުފަން ނަޒީރަކީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ނޭފުޅެކެވެ. 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ އާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ފެށި އެވެ.
ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރު ނަޒީރަކީ މާކެޓިންގެ ދާއިރާއިން ވެސް ތަޖުރިބާކާރު ބޭފުޅެކެވެ.
ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރެވެ.
ކުރީގެ ރައީސް މަައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި "އޮގަސްޓް13- 12" ގައި މާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން ނަޒީރު ޖަލަށްލި އެވެ.
ރިސޯޓު ހިންގުމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު ދިވެހި އެއް ކުންފުނި، ސަންލޭންޑުގެ ދަށުން މަކުނޑު އައިލެންޑު ރިސޯޓާއި ކޮކޯ ޕާމް ބޮޑުހިތި، ކޮކޯ ޕާމް ކުޑަހިތި އަދި ކޮކޯ ޕާމް ދުނިކޮޅުގެ އިތުރުން ބިޔާދޫ ރިސޯޓު ހިންގަ އެވެ.