ވޮޝިންޓަން (މެއި 10) - ދެކުނު އޭޝިއާ ސަރަހައްދުގެ ނިއުކްލިއާ ދެ ބާރު، އިންޑިއާ އާއި ޕާކިސްތާނުން ފެށި ހަނގުރާމަ ވަގުތުން ހުއްޓާލަން މިއަދު އެއްބަސްވެއްޖެ އެވެ.
އެމެރިކާ މެދުވެރިއަކަށްވެގެން އިންޑިއާ އާއި ޕާކިސްތާނާއެކު ކުރި މަޝްވަރާތަކަށް ފަހު ދެ ގައުމުން ވެސް ވަގުތުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވިކަން އިއުލާންކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.
"އެމެރިކާގެ މެދުވެރިކަމުގައި ރޭ ކުރިޔަށް ގެންދިޔަ ދިގު މަޝްވަރާތަކަށްފަހު، އިންޑިއާއާއި ޕާކިސްތާނުން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެއްބަސްވެފައިވާކަން އުފަލާއެކު ދަންނަވަން،" ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކް ރޫބިއޯ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ކުރިޔަށް ގެންދެވީ ނައިބު ރައީސް ޖޭޑީ ވެންސް ކަމަށެވެ.
ހަނގުރާމަ ހުއްޓާލިކަން އިއުލާންކުރުމާއެކު ޕާކިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގައި އާއްމުން ދަނީ އުފާ ފާޅުކުރަމުންނެވެ.
ޕާކިސްތާނާއި އިންޑިއާ އިން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ވެސް ވަނީ ވިދާޅުވެފަ އެވެ.
"ޕާކިސްތާނުން އަބަދުވެސް މަސައްކަތް ކުރަނީ އެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ބުރޫނާރާ، ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް!" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތަނުގެ ޑިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް މިއަދު މެންދުރު ފަހު ފޯނުން ގުޅުއްވި ކަމަށާއި ދެ ފަރާތުން ވެސް އެއްބަސްވެފައި ވަނީ ރާއްޖެ ގަޑިން ހަވީރު 5:00 ގައި އެއްގަމާއި ވައިގެ މަގުންނާއި ކަނޑުމަތީގައި ހަމަލާދިނުން ހުއްޓާލުމަށް ކަމަށެވެ.
ޕާކިސްތާން އެއާޕޯޓް އޮތޯރިޓީ (އޭޕީއޭ) އިން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ހުރިހާ ބާވަތެއްގެ ފްލައިޓަކަށް ހުޅުވާލާފައި ކަމަށެވެ.
އޭޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގައުމުގެ ހުރިހާ އެއާޕޯޓަކަށް ވެސް އާދައިގެ މަތިން ފްލައިޓް ދަތުރުތައް ކުރެވޭނެ ކަމަށެވެ. -- ބީބީސީ / އަލްޖަޒީރާ