މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމަައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ސިއްހީ ހާލަތު ހުރިގޮތުން މިހާތަނަށް ސުވާލުކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާގެ ދައްތަ ބުނީ އޭނާއަށް މިހާރު ވާހަކަދެކެވޭ ކަމަށެވެ. އެގޮތުން އަމިއްލައަށް ފުންމާނުލާ ކަމަށް އޭނާ ބުނާ ކަމަށް ދައްތަ ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެން ވެސް ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އޭނައާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
"އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޔުމްނުއަށް މިހާރު ފަރުވާދެމުން އަންނަނީ މެލޭޝިޔާގެ ހޮސްޕިޓަލެއްގަ އެވެ.