އަންހެން ކުދިން މާހަގު އުމުރެއްގައި ޕީރިއަޑްވުން ނުވަތަ މައްސަރުކަންތައް ފެށިއްޖެ ނަމަ ބައެއް މީހުން ބުނެ އުޅެނީ އެއީ އެކުއްޖަކު ހަށިގަނޑު ބޮޑުކޮށް ހުންނާތީ ދިމާވާ ކަމެއް ކަމަށެވެ. އަނެއްބައި މީހުން އެކަމަކީ އާއިލީކަމެއްގެ ގޮތުގައި ވެސް ދެކެ އެވެ.
ނަމަވެސް އެމެރިކާގެ ޖާނަލް ރިޕްރޮޑަކްޝަން ހެލްތްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިފަދަ ބުނުންތަކަށް ބާރުދޭ ސައިޓިފިކް ހަގީގަތެއް ނެތެވެ. ސައިންސްގެ އަލީގައި ހެދި ދިރާސާއަކުން ޅައުމުރު ފުރައިގައި އަންހެން ކުދިންނަށް ކާންދެވޭ ތަކެއްޗަކީ އެ ކުދިންގެ މުސްތަގްބަލަށް ބޮޑު އަސަރެއް ކުރާނެ އެއްޗެއް ކަމަށާއި، ކާނާގެ ކޮލިޓީއާއި އަވަހަށް ޕީރިއަޑްވުމާ ބޮޑުގުޅުމެއް ވާކަން ދެނެގަނެވިއްޖެ އެވެ. މި ދިރާސާގައި އުމުރުން 9 އަހަރާއި 14 އަހަރުގެ އުމުރުފުރައިގެ ކުދިންގެ ކެއުން ބައްޓަން ކުރެވިފައިވާ ގޮތާއި އެ ކުދިންނަށް މައްސަރު ކަންތައް ފެށުނު އުމުރު ރިކޯޑް ކުރެވުނެވެ.
ދިރާސާއިން އެނގުނުގޮތުގައި އަންހެންކުދިން ޕީރިއަޑްވާ އުމުރު ކަނޑައަޅަނީ އެ ކުއްޖެއްގެ ކެއުން ބިނާވެފައިވާ ގޮތެއްގެ މަތިންނެވެ. ފައިދާހުރި ކާނާ ކާންދެވޭ ކުދިން ޕީރިއަޑްވަނީ ހެދިބޮޑުވަން ފަށާ އުމުރުގަ އެވެ. އެ އާޚިލާފަށް ފައިދާހުރި ކާނާ ކާން ނުދެވޭ ކުދިން މާ ޅައުމުރުގައި ޕީރިއަޑްވެ އެވެ. ފައިދާހުރި ކާނާގެ ގޮތުގައި ހިމެނެނީ ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ ތަރުކާރީ، މޭވާ، ކިރާއި، މަހުގެ ބާވަތް ފަދަ ހަށިގަނޑު ބޮޑުކޮށްދޭ ކާނާ، އަދި ހަކަތަ އުފައްދައިދޭ ކަނާ އެވެ. ފައިދާހުރި ކާނާ ނުކެވުމުގެ ސަބަބުން އަވަހަށް ޕީރިއަޑްވާ ކުދިންގެ ކިބައިން ގައިންގަޔަށް ނާރާ ދިގު މުއްދަތަކަށް ދެމިގެންނާ ދާއިމީ ބަލިތަކުގައި ތެރޭގައި ހިމެނޭ ހަކުރުބަލި، ލޭމައްޗަށްދިއުން، ހިތުގެ ބަލިތައް އަދި އުރަމަތީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ދެނެގަނެވުނެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކާގެ ފްރެޑް ހަޗިންސަން ކެންސާ ސެންޓާގެ ޕްރޮފެސަރެއް ކަމުގައިވާ ހޮލީ ހެރިސް ވިދާޅުވި ގޮތުގައި މި ދިރާސާގެ ސަބަބުން ބޮޑުވަމުން އަންނަ އަންހެން ކުދިންނަށް ފައިދާހުރި ކާނާ ފޯރު ކޮށްދިނުމުގެ މުހިންމުކަން ދެނެގަނެވުނު ކަމަށެވެ. އެގޮތުން ޚާއްސަކޮށް އެކުދިން އެންމެ ގިނަ ވަގުތު ހޭދަކުރާ ސްކޫލްތަކުގައި ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުމުގައި، ކަމާ ބެހޭ މާހިރެއްގެ ލަފާގެ މަތިން، ފައިދާހުރި ކާނާ ހިމަނައި އެ ކުދިންނަށް ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމަށެވެ.
ޕްރޮފެސަރު ހެރިސް ކުރިން ހެއްދެވި ދިރާސާ އެއްގައި ޅައުމުރުފުރައި އަދި ހެދިބޮޑުވަމުން އަންނަ އުމުރު ފުރައިގައި ފައިދާހުރި ކާނާގެ ބަދަލުގައި "ޖަންކް" ނުވަތަ ހަށިގަނޑަށް ގެއްލުންހުރި ކާނާ ގިނައިން ބޭނުންކުރާ އަންހެން ކުދިންނަށް ފަހުން އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަން ހޯދިފައިވެ އެވެ.
އެ ދިރާސާގެ އަލީގައި އަންހެން ކުދިންނަށް މައްސަރުގެ ކަންތައް ފެށޭ އުމުރާއި ޅަފަތުގައި ފައިދާހުރި ކާނާ ކެއުމާހުރި ގުޅުން ދިރާސާކުރުމުގެ ޝައުގުވެރިކަން އުފެދުނެވެ.
މި ދިރާސާގެ ސަބަބުން ލިބުނު މުހިންމު މެސެޖަކީ، މައިންބަފައިން އެމީހުންގެ އަންހެން ދަރިންނަށް ފައިދާހުރިކާނާ ކެއުމަށް ބާރުއެޅުމަކީ އެކުއްޖާގެ ދަރިމައިވުމުގެ ސިއްހަތަށް ވެސް ފައިދާކުރާނެ ކަމެއް ކަމެވެ. އޭގެ ސަބަބުން ހޯމޯންސްގެ މަސައްކަތް ފުރިހަމަ ނިޒާމެއްގެ މަތީން މަސައްކަތް ކުރުމަށް މަގުފަހިވެ އެވެ. އަދި އެއީ އުމުރުން މާޅަފަތުގައި މައްސަރުކަންތައް ޖެހުން ހުއްޓުވައި ހަކުރުބައްޔާއި ހިތުގެ ބަލިތަކުންނާއި އަދި ބައެއްވައްތަރުގެ ކެންސަރުން ވެސް ރައްކާތެރި ކޮށްދޭކަމެއް ކަމެވެ.