މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
ޒަކާތު ހައުސްއިން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށެވެ. އެގޮތުން މިފަހަރު ވެސް އޮންލައިންކޮށް 5 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެ އެވެ.
ޒަކާތް ދެއްކޭނެ ގޮތްތައް:
- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
 - މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
 - ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން
 - ފަހިޕޭ (އެޕްލިކޭޝަން)
 - ބަނޑޭރި ޕޭ
 
ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
ޒަކާތު ހައުސިންއިން ބުނީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ކަމަށެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް:
- 2 މާޗް - 20 މާޗަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 9:30 އިން 1:00 އަށް
 - 23 މާޗް - 30 މާޗަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 2:00 އަށް
 
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު
- އާދައިގެ ހަނޑޫ: 12 ރުފިޔާ
 - ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
 - ރަތް ހަނޑޫ: 86 ރުފިޔާ
 - ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
 - ބާސްމަތީ ހަނޑޫ (މޮޅު) : 100 ރުފިޔާ
 - ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
 - އާދައިގެ ފުށް: 10 ރުފިޔާ
 - އާޓާ ފުށް: 75 ރުފިޔާ
 
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާން މަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރު އެވެ.
ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެ އެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެ ގައުމެއްގައި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ސާއެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެ އެވެ.
			ނަސްރުގެ ދުވަހު މައުމޫނަށް ހާއްސަ އައްޑަނައެއް އަރުވަނީ
		
			ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ