- މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން: ރައީސް ނަޝީދު

- މަޖިލީހަކީ ކޯޓެއް ކަމަށް ނަޝީދު ހައްދަވައިފި: ސިޔާމް

- މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން: އުޝާމް

- މަޖިލީހަކީ އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓްރީ: ޝާހިދު

- މަޖިލީހަކީ ކޯޓެއް ނޫން: އާޒިމް

މަތީގައި އެވަނީ ''މަޖިލީހަކީ'' ޖަހައިގެން އިންޓަނެޓް ސާޗް ކޮށްލުމުން ފެނުނު ސުރުޚީ ތަކެކެވެ. އެއިން ކޮންމެ ސުރުޚީއަކީ ވެސް މަޖިލީހުގެ ކޮންމެވެސް މެންބަރަކު މަޖިލީހުގައި ބުނެފައިވާ ވާހަކައެކެވެ. އެ ސުރުޚީތަކަށް ވިސްނާލުމުން އެ މެންބަރުންނަށް މަޖިލީހަކީ ކޮންތަނެއް ކަމާ މެދު ކޮންމެ ވެސް ވަރެއްގެ އޮޅުމެއް އަރައިގެން އުޅޭހެން ހީވެ އެވެ. މަޖިލީހުގެ ތެރޭގައި ހިނގާ ކަންތައްތަކުގެ ސަބަބުން އެ މަންޒަރު ފެންނަ އާންމުންނަށް ވެސް ބައެއް ފަހަރު މި އޮޅުން އެރުމުގެ ފުރުސަތު އޮވެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ ގައުމުގެ ގާނޫނާ ބެހޭ އިދާރާ އެވެ. މިޒަމާނުގެ ޑިމޮކްރަސީގައި މަޖިލީހުގެ މަސްއޫލިއްޔަތަކަށް އޮންނަނީ މައިގަނޑު ތިންކަމެކެވެ. އެއީ މެންބަރުންގެ ދާއިރާ ތަމްސީލު ކުރުމާއި ގައުމު ހިންގުމަށް ބޭނުންވާ ގާނޫނުތައް ހެދުމާއި ސަރުކާރު ހިނގާ ނުހިނގާ ގޮތާމެދު ފާރަވެރިވެ ޖަވާބުދާރީ ކުރުވުމެވެ.

މިދެންނެވި ކަންތަކުގެ މައްޗަށް ބިނާކޮށް މަޖިލީހުގެ ޖަލްސާތަކުގައި ބަހުސްތައް ކުރެވެ އެވެ. މުހިންމު ނިންމުންތައް ނިންމަ އެވެ. އެ ބަހުސުތައް ބައެއް ފަހަރު ހޫނުވެ ކޮންޓްރޯލުން ނެއްޓިގެން ވެސް ދެ އެވެ. ރާއްޖޭގެ ނިސްބަތުން ނަމަ ގާނޫނު އަސާސީގެ މައްޗަށް ފައިން އަރާތަން ވެސް މަދުމަދުން ފެނެ އެވެ. އާންމުންނަށް މަޖިލީހަކީ ކޮންތަނެއްތޯ ސުވާލު އުފެދެނީ އެހިސާބުން ކަމުގައި ބެލެވިދާނެ އެވެ. މަތީގައިވާ އިބާރާތްތަކުން މަޖިލީހުގެ މެންބަރުން މަސައްކަތް އެކުރަނީ އެއޮޅުން ފިލުވައި ދިނުމަށް ކަމުގައި ވެސް ވެދާނެ އެވެ.

އާނއެކެވެ. މަޖިލީހަކީ ކޯޓެއް ނޫނެވެ. އެހެނަސް ކޯޓުތައް ހިނގާނީ މަޖިލިސް ބޭނުންވާ ގޮތަކަށެވެ. ކޯޓުތައް ހިންގަން ބޭނުންވާ ގާނޫނުތައް ހަދަނީ މަޖިލީހުންނެވެ. މަޖިލީހަކީ ތަހުގީގީ މުއައްސަސާއެއް ވެސް ނޫނެވެ. އެފަދަ މުއައްސަސާތަކުން ކުރާކަމަކީ މަޖިލީހުން ހަދާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ ތަހުގީގުތައް ކުރުމެވެ. މަޖިލީހަކީ މަސް މާރުކޭޓެއް ވެސް ނޫނެވެ. މާރުކޭޓު ވެސް ހިނގާނީ މަޖިލީހުން ހަދާ ގާނޫނުތަކާ އެއްގޮތަށެވެ.

މުޅި ރައްޔިތުންގެ ވޯޓުން ހޮވައިފައި ހުންނަ ރައީސް، މަގާމުން ދުރުކުރުމުގެ ބާރާއި ކެބިނެޓް މިނިސްޓަރުންނާއި ގާޒީން ފަދަ މީސްމީހުން މަގާމުން ދުރުކުރުމުގެ ބާރު ވެސް އެ މަޖިލީހަށް ލިބިގެން ވެ އެވެ. ކުރުކޮށް ދަންނަވާނަމަ މުޅި ގައުމު ހިނގާނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ގޮތަކަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތެރެއިން ހޮވާލެވޭ އެންމެ ގާބިލު ކަމަށް ކުޅަދާނަ ވިސްނުންތެރި ބައެއްކަމުގައި ވާންޖެހެ އެވެ.

މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތާ މުސާރަޔަކީ ވެސް އެމީހުން އަމިއްލަޔަށް ކަނޑައަޅާ އެއްޗެއްކަމުގައި ވާއިރު މަޖިލީހަށް ހޮވޭ ފަރާތްތަކަކީ ގާބިލު ބައެއްކަމުގައި ހެދުމުގެ ބާރު އޮތީ ރައްޔިތުންނަށެވެ. ފަސްއަހަރުން އެއްފަހަރު އަތަށް އަރާ ވޯޓު ކަރުދާސްކޮޅުގައި ތިމާ ފާހަގަލާ ނަމަކީ ހަގީގަތުގައި ވެސް ކަމަށް އެންމެ އެކަށޭނަ ނަންތޯ ބެލުމަށްފަހު އެފަދަ ފަރާތްތަކަށް ވޯޓު ދިނުމަކީ މިކަމަށް އޮތް ހަމަ އެކަނި ހައްލެވެ. މަޖިލީހަކީ ކޯޓެއްތޯއާއި މަސްމާރުކެޓެއްތޯ އާއި ތަހުގީގީ އިދާރާއެއްތޯ އަރާފައިވާ އޮޅުން ފިލުވުމުގެ ހަގީގީ ބާރުވެރިންނަކީ ރައްޔިތުންނެވެ. ދެން އޮންނަ އިންތިޚާބަކުން އެކަން ފަށަމާ ހިނގާށެވެ.