ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އިލްޔާސް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ މައިދާން ދުށް އެންމެ ވަރުގަދަ އެއް ޝަހްސިއްޔަތެވެ. ނުފޫޒު ގަދަ އެއް ލީޑަރެވެ. މީގެ 75 އަހަރު ކުރިން ސެޕްޓެމްބަރު 18، 1945 ގައި ދުނިޔޭގެ އަލިކަން ދެކެވެޑައިގެންނެވި އިލްޔާސް ވަނީ 40 އަހަރު ދައުލަތުގެ އިސް މާގާމުތަކެއް ފުރުއްވައިފަ އެވެ. މިއަދަކީ އޭނާގެ އުމުރުން 75 އަހަރު ފުރުނު ދުވަހެވެ.

ދައުލަތުގެ މަގާމެއް އޭނާ އެންމެ ފުރަތަމަ ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އެވެ. ވެރިކަމުގައި ރައީސްގެ ސެކްރެޓަރީ ކަމާއި އޮޑިޓް އޮފީހުގައި ވެރިއަކަށް ހުންނެވި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1978 ވަނަ އަހަރުން ފެށިގެން 1990 އަށް ސަރުކާރުގެ އެންމެ ބާރުގަދަ ވެރިއެއްގެ ގޮތުގައި އިލްޔާސް ފާހަގަ ކުރެއްވުނެވެ. މި 12 އަހަރުގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ކަންކަން ނުވަތަ ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއަމާންކަމާއި، ރާއްޖޭގެ ވިޔަފާރިއާއި އިގުތިސޯދީ ކަންކަން ހިންގެވުމުގެ ވެރިކަން ކުރެއްވި އެވެ.

ސިފައިންގެ ވެރިޔާގެ ނައިބު، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޓްރޭޑް މިނިސްޓްރީ އަދި އެސްޓީއޯގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވިއެވެ. އެޓޯލް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި ހެލްތު މިނިސްޓްރު ކަން ވެސް ކުރެއްވިއެވެ. އޭނާ ވަޒީރުކަން ކުރައްވަން ފެއްޓެވީ 1982 ވަނަ އަހަރުގަ އެވެ.

ކުރީގެ ޑީއާރުޕީ އަދި ފަހުން ޕީޕީއެމްގައި ވެސް އިސްކޮށް އުޅުއްވި އިލްޔާސް އަދި ކުރީގެ ރައީސް ޔާމީނާއެކު ޖަލްސާއެއްގައި. ފޮޓޯ: ސަން އޮންލައިން

ނަވާރަ ސަތޭކަ އަށްޑިހައިގެ ފަހުކޮޅު މަޝްހޫރު އެފްޕީއައިޑީގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެ އިލްޔާސަށް ހުރިހާ މަގާމުތަކެއް ދޫކޮށްލެއްވުމަށްފަހު ރާއްޖެ ދޫކޮށްވަޑައިގަތުމަށް މަޖުބޫރުވި އެވެ.

އޭނާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވަން ފެއްޓެވީ 1975 ވަނަ އަހަރުގައެވެ. އެގޮތުން އެ އަހަރުން ފެށިގެން 1994 އަށް އަދި 2،000 އިން ފެށިގެން 2005 އަށް ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކުރެއްވިއެވެ. އަދި 2005 އިން 2009 އަށް ލ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.

މަޖިލިހުގެ މެމްބަރުކަން އެކި ފަހަރުމަތިން ގާތްގަނޑަކަށް 30 އަހަރު އޭނާ ކުރެއްވި އެވެ.

މީގެ 27 އަހަރު ކުރިން، 1993 ގައި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް މަޖިލިހުގައި ނެގި ސިއްރު ވޯޓުގައި މަޖިލިސްގެ 48 މެންބަރުންގެ ތެރެއިން 18 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއެވެ. އެ ވޯޓަކީ ރައީސް މައުމޫނަށް ބޮޑު ގޮންޖެހުމަކަށް ވެގެންދިޔައެވެ. ރައީސް މައުމޫނަކީ އިލްޔާސްގެ ޅިޔަން ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރު އިލްޔާސް ވަނީ ޑީއާރުޕީ އަދި ޕީޕީއެމްގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

އިލްޔާސް އިބްރާހިމް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު. އިލްޔާސްވަނީ ނަޝީދާއެކު މާލޭގެ މެމްބަރުކަން ވެސް ކުރައްވާފައި.

މީގެއިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައި ލަންކާގައި ހުންނަވައިގެން އެމްޑީޕީ އަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި އޭގެ ކުރިން 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިލްޔާސްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތް ބޭފުޅެކެވެ.

މާލޭގައި ހުރި ގިނަ ބިންތަކެއްގެ ވެރިއަކީ ވެސް އިލްޔާސްއެވެ. އެގޮތުން ގިނަ ބިންތަކެއް ކުޑަ އަގެއްގައި ގަނެފައި ހަދާފައި ކުއްޔަށް ދީފައި އެބަހުއްޓެވެ.