ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. މިއީ މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ އިގްތިސާދީ ހީނަރުކަމެކެވެ. އިގްތިސާދަށް މިހާ ބޮޑު ލޮޅުމެއް ކުރިމަތިވިއިރު ސަރުކާރު އޮތީ ތައްޔާރުވެގެން ބުނެވޭކަށް ނެތެވެ.

ރާއްޖޭގެ މައި ދޮރާށި މިދިޔަ މާޗްމަހުގެ ފަހުކޮޅު ބަންދުކުރުމުން، ބޭރު ފައިސާގެ ޑިމާންޑާ އެއްވަރަށް ފޯރުކޮށްދެވޭނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އަބަދުވެސް ސަރުކާރާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނަމުންދިޔައީ ބޭރުގެ ފައިސާއަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށެވެ. ނަމަވެސް ކަންވީ އެއާ ދިމާ އިދިކޮޅަށެވެ. ޑޮލަރުގެ އަގު މިއިން ދުވަހަކު ނުއުފުލޭ މިންވަރަށް އަރައިގެން ދިޔައީ އެވެ. ކަޅު ބާޒާރުގައި 15.50ރ. އަށް ލިބެމުންދިޔަ ޑޮލަރުގެ އަގު 19.45ރ. އަށް އެރިއިރު ވެސް އެމްއެމްއޭ އާއި ސަރުކާރު އޮތީ ހިމޭންވެފަ އެވެ.

އާއްމުންގެ ޝަކުވާތަކާ ގުޅިގެން އެމްއެމްއޭ އިން މިމަހުގެ ކުރީކޮޅު ނެރުނު ނޫސްބަޔާނުގައި ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ޑޮލަރަށް ޑިމާންޑް އިންތިހާއަށް ބޮޑުވަމުންދާތީ ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ.

"މިދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަ ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ވަނީ ކޯވިޑް-19 އަށް ޚާއްސަކޮށްގެން އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރުކޮށްފައި. ހަމައެއާއެކު، ސެޕްޓެމްބަރު މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާއިރު، މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ފިނޭންސް މިނިސްޓްރީ

މަރުކަޒީ ބޭންކުން ބުނީ، އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ލިބިފައިވާއިރު، މި ސްވޮޕްގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި، އެމްއެމްއޭ އާއި ސަރުކާރާ ގުޅިގެން ވަނީ އައިއެމްއެފް އަދި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުން ތަފާތު އެކި މާލީ އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރު ވަނީ ހަމަޖެހިފައި. މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާއި ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ،" އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭ އިން އެހެން ބުނި ނަމަވެސް ބޭންކުތަކަށް ބޭނުންވާ އަދަދާ ކައިރިއަށް ވެސް ޑޮލަރު ނުލިބެ އެވެ. ޚާއްސަކޮށް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުން މުއާމަލާތްކުރާ ކަސްޓަމަރުން ގިނަ ބީއެމްއެލްއަށް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވި އެވެ. އެ ގޮންޖެހުންތަކަށް ހައްލެއް ނުލިބި، އެންމެ ފަހުން ޖެހުނީ ބޭންކުގެ ރުފިޔާ އެކައުންޓްތަކުން ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ބޭރުގައި ހިންގާ ޑޮލަރުގެ މުއާމަލާތްތައް ލިމިޓްކުރާށެވެ.

މި ގޮތަށް ނިންމީ އެ ބޭންކަށް ވެސް މަޖުބޫރުވެގެން ޒަރޫރީ މުދާ ގެނައުމަށް އެހީތެރި ނުވެވިދާނެ ހާލަތެއް ވެސް މެދުވެރިވެދާނެ ކަމަށް ބަލައި ބޭރަށް ދާ ޑޮލަރު ހިފެހެއްޓުމުގެ ގޮތުން ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.

ބޭންކުން މިއަދު ނިންމި ނިންމުމާމެދު ސޯޝަލް މީޑިއާގައި އަންނަނީ ބީއެމްއެލްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ އެ ބޭންކުން ނިންމި ނިންމުން ގޯސްކަމާއި މި ލިމިޓް މާކުޑަ ކަމަށެވެ. އަދި ބީއެމްއެލް ނޫން އެހެން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީހަކު ޑޮލަރުތަކެއް ދައްކާލަނީ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަންނަނީ ވެއްޓެމުން.

އެކަމަކު ހަގީގަތަކީ ބީއެމްއެލް ފިޔަވައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ކާޑުގެ ހިދުމަތް ދޭ އެހެން އެއްވެސް ބޭންކެއް ނެތް ކަމެވެ. އަދި ގިނަ ބޭންކުތަކުން އާންމު ފަރުދުންނަށް އިސްކަމެއް ނުދީ ބަރޯސާވަނީ ރާއްޖޭގެ ހައެއްކަ މަހުޖަނުންނަށެވެ.

ރާއްޖޭގެ އިގްތިސާދުގައި ދައުރުނުވާ ޑޮލަރެއް ބޭންކް އޮފް މޯލްޑިވްސްއަކަށް ވެސް ނުދެވޭނެ އެވެ. އެ ބޭންކަށް ދިމާވެފައިމިވާ ގައުމީ މައްސަލައަށް ހައްލެއް ހޯދައިދެވޭނީ މަރުކަޒީ ބޭންކަށެވެ. ނަމަވެސް ޑޮލަރުގެ ދަތިކަން ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު ރާއްޖޭގެ ޑޮލަރާ ބެހޭ އެންމެހާ ކަންކަން ނިންމުމަށާއި ބެލެހެއްޓުމަށް ހަވާލުވެފައިވާ އެމްއެމްއޭ އިން އޮތީ ހަމަހިމޭނުންނެވެ. އަބަަދުވެސް ބުނަމުންދަނީ ޑޮލަރުގެ ތާށިކަމެއްނެތި ދެމުންދާ ވާހަކަ އެވެ. އެކަމަކު އެ މައްސަލައަށް ހައްލެއް ނުލިބެ އެވެ. ލިބޭނެ ދުވަހެއް ވެސް ބުނަން ނޭނގެ އެވެ.

ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ބުނެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކި ވާހަކަތައް ގިނަ ބަޔަކު ކަނުލައި އަޑުއަން ތިއްބެވެ. އޭރު ބުނަމުންދިޔައީ މިހާލަތަކަށް ނާންނާނެ ކަމަށެވެ.

ނަމަވެސް މި މައްސަލަ މިހާ ބޮޑުވެގެންދިޔައިރު، އެމްއެމްއޭ އާއި ސަރުކާރު މިހާރު އޮތީ ހިމޭންވެފަ އެވެ. އިންޑިއާއިން ދޭނެ ކަމަށް ބުނި 700 މިލިއަން ޑޮލަރެއް ވެސް ލިބުނު ކަމެއް ނޭނގެ އެވެ.

ޑޮލަރުގެ މުއާމަލާތްކުރާ ލިމިޓަށް ގެނައި ބަދަލާއެކު ބީއެމްއެލްއިން ބުނީ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއް ކަމަށާއި މި ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ ކަމަށެވެ.