ރާއްޖޭގެ ރައީސްކަން ދެން ބޭނުންފުޅު ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ސިލްސިލާކޮށް ނެރެމުން އަންނަ "ޚަބަރު ސިޓީ" ގައި ލިޔުއްވި ލިޔުއްވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ފާހަގަ ކުރަމުން އަންނަ މައިގަނޑު ދެ ކަމަކީ އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ޖަލުތަކުގައި ކުރާ އަނިޔާ މަދުވެފައިވިޔަސް، ކޮރަޕްޝަން ދިވެހިން އެދޭ މިންވަރަށް މަދު ކުރެވިފައިވާ ކަމަށް ވިދާޅުވާން ދަތި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، ޕާޓީގެ މަސައްކަތަށް އިތުރު ބާރުވެރިކަން ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށާއި ސަރުކާރަށް ކުޑަ ވެސް ހީނަރު ކަމެއް އައުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުގައި، ނަޝީދުގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސްގެ ވަޒީރަކާ ގުޅޭ ގޮތުން ނުހުރުން ފާޅު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަން ރައީސަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅު ކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާ އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސްކަމެއް ކުރުމަކަށް ނުއެދުމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަންކޮށް ދިނުމެވެ

"އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅު ކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާ އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސްކަމެއް ކުރުމަކަށް ނުއެދުމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަންކޮށް ދިނުމެވެ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ރައީސްކަން ބޭނުން ނޫންކަމަށް ވިދާޅުވުމަށް ފަހު ރައީސް ނަޝީދު ދެން ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވާ ވިދާޅުވުމުން ތަކުރާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ.

ރައީސަށް ދެ ވަނަ ދައުރެއް ލިބުމުގައި އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމަކު، މިއަދު އެމަނިކުފާނު ފާހަގަ ކުރައްވާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ގުޅުން ހުރި ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ކެބިނެޓުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ވަޒީރު، ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ވެސް ނަޝީދެވެ. ފައްޔާޒްގެ މައްސަލަ މަޖިލިހަށް ވެއްދުމަށް 30 މެމްބަރުންގެ ސޮއި ވަނީ ހޯއްދަވައިފައެވެ. އަދި ނަޝީދު ވަނީ ފައްޔާޒްގެ މައްސަލަ އެމްޑީޕީ ގައުމީ މަޖިލިހަށް ވެސް ހުށަހަޅުއްވަން ނިންމަވައިފައެވެ.

ރައީސް ނަޝީދު ފަހަކަށް އައިސް ގެންދަވަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިބްރާހިމްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި މަގާމުން ވަކި ކުރަން ޖެހޭ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.