ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރި ބައެއް ރިސޯޓުތަކުގައި ތިބި މީހުންނަށާއި މާލޭގައި ޙާލުގައި ޖެހުނު މީހުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމާއި އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގުގައިކަން ހާމަވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ގޮތުން ސަރުކާރުން އަގު ކަނޑައަޅާފައިވާ ބައެއް ތަކެތި ވެސް އެންޑީއެމްއޭ އިން ގަނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި ކަން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ހަނޑޫ ކިލޯއެއް 5.30ރ އާއި 8ރ. އާ ދެމެދުގެ އަގެއްގައި ގަނެފައިވެ އެވެ. ހަކުރު ކިލޯއެއް ވެސް 5.30ރ. ފެށިގެން 16ރ. އާ ދެމެދުގެ އަގެއްގައި ގެނެފައިވާ ކަމަށް އޮޑިޓުން ދައްކަ އެވެ. ފުށް ކިލޯއެއް ވެސް 8ރ. އާއި 8.40ރ އާ ދެމެދުގެ އަގެއްގައި ގަނެފައިވެ އެވެ. އެގޮތުން އެތަކެތި ގަތުމަށް ވެސް އިތުރަށް 23،457ރ. ޚަރަދުކޮށްފައިވެ އެވެ.

އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެ އޮތޯރިޓީން ގަނެފައިވާއިރު އޭގެ ތެރެއިން ބައެއް ތަކެތި ގަނެފައި ވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ވަޅޯމަސް ކިލޯއެއް ބާޒާރުގައި 140 ރުފިޔާގައި ހުރިއިރު އެންޑީއެމްއޭ އިން ވަޅޯމަސް ކިލޯއެއް ގަނެފައި ވަނީ 200ރ. އަށެވެ. 720 ރުފިޔާ އަށް މަސްދަޅު ކޭހެއް ލިބެން ހުންނައިރު 1،040ރ. އަށް މަސްދަޅު ކޭހެއް ގަނެފައިވެ އެވެ. އަދި 2.5 ކިލޯގެ މިލްކު ޕައުޑަރު ބާޒާރުގައި 1،560ރ. އަށް ލިބެންހުރިއިރު އެންޑީއެމްއޭ އިން މިލްކު ޕައުޑަރު ގަނެފައިވަނީ 2،371ރ. އަށެވެ. އޭގެ އިތުރުން ބާޒާރުން 400ރ. އަށް ލިބެންހުރި ފްރެޝް އޮރެޖް ކޭހެއް 720 އަށް ގަނެފައިވެ އެވެ. މިތަކެތި ގަތުމަށް 224،546ރ. އިތުރަށް ޚަރަދުކުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.