ޓެލްއަވީވް (އޮގަސްޓް 24)- އިޒްރޭލުގެ ސަރަހައްދެއްގައި ކުރިއަށްދިޔަ އާކިއޮލޮޖިކަލް ޑިޖް އެއްގައި ބައިވެރިވި ޒުވާނުންތަކަށް މީގެ 1،100 އަހަރު ކުރީގެ ފައިސާ ފޮތިތަކެއް ފެނިއްޖެ އެވެ.

ޖުމްލަ 425 ފައިސާ ފޮތި ފެނިފައިވާ އިރު އެ ފައިސާތައް ހުރީ ކްލޭއިން ހަދާފައިހުރި ފުޅިއަކަށް އަޅާފަ އެވެ.

އޭގެ ތެރެއިން ގިނަ ފައިސާތަކަކީ އިސްލާމީ ތާރީހުގެ ކުރީކޮޅުގައި އެ ސަރަހައްދުގައި އައްބާސީ ހިލާފަތުގެ ވެރިކަން އޮތް ދުވަސްވަރުގެ ފައިސާތަކެއް ކަމަށް ބެލެވެ އެވެ.

މި ފައިސާ ފޮތި ތަކުގެ ބަރުދަނުގައި 845 ގްރާމް ހުރި އިރު މިއީ އެ ދުވަސްވަރަށް ބަލާއިރު ބޮޑު އަދަދެއް ކަމުގައި ބެލެވެ އެވެ. އަދި އެ ޒަމާނުގައި ބޮޑު ގެއެއް ގަނެވޭނެ ވަރަށް ހުންނާނެ ކަމަށް ބެލެވެ އެވެ.

މި ފައިސާގެ ވެރިފަރާތަކީ ކާކުކަމާއި އެ ފައިސާ ފޮތިތައް ވަޅުލުމަށްފަހު އަނބުރާ ނަގަން ނައީ ކީއްވެކަން އެނގުމަކީ ނާދިރު ކަމެކެވެ.

ބިންގަނޑު ކޮނުމުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުން ބުނެފައިވާ ގޮތުގައި މިހާ ގިނަ އަދަދެއްގެ ފައިސާ ފޮތިތަކެއް ބިމުގެ އަޑިން ފެނުމަކީ މަދުން ނޫނީ ނުވާކަމެއް ކަމަށެވެ. ސަބަބަކީ އޭރުވެސް ރަނަކީ އަގުބޮޑު މައުދަނަކަށް ވެފައި، ވަޅުލުމުގެ ބަދަލުގައި ރަން ވިރުވާލުމަށްފަހު ގަހަނާ އާއި އެހެނިހެން ތަކެތި އުފައްދާ އެއް ޖީލުން އަނެއް ޖީލަށް ބޭނުންކުރަމުން ދާތީ އެވެ.

މި ފައިސާފޮތި ތައް ހޯދި ޒުވާނާ ކަމަށްވާ އޮޒް ކޮހެން ބުނިގޮތުގައި އެންމެ ފުރަތަމަ ހީކުރީ ފަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް އިތުރަށް ކޮނުމުން އެއީ ފައިސާ ފޮތިތަކެއް ކަން އެނގިގެން ދިއުމުން ވަރަށް އުފާވި ކަމަށެވެ. -- ސީއެންއެން