ރާއްޖޭގައި މުދަލު ޒަކާތް ނެރެން ވާޖިބުވާ ނިސާބުގެ ނިސްބަތް 9،353.40 ރ. އަށް އިތުރުކޮށްފި އެވެ.

އެންމެ ފަހުން ޒަކާތު ހައުސްއިން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭރު މުދަލު ޒަކާތުގެ ނިސާބަކީ 7،140 ރުފިޔާ އެވެ.

ޒަކާތުގެ ކަންކަމަށް ހާއްސަކޮށްފައިވާ، ޒަކާތު ހައުސް އިން ބުނި ގޮތުގައި މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 9،353.40 ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމް ދީނުގެ ރުކުނަކަށް ވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ބަލަނީ ރަން ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެ އެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާ އިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކު ވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.