ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހްމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެކެވެ.

ރައީސްގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސައުދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގަ އެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސައުދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.