ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން ގެޒެޓްކުރި މާލޭ ޕްލޭނިން ގަވާއިދުގެ ހަތް ވަނަ އިސްލާހުގައި އެ ހުއްދަ ދޭން ނިންމާފައިވާ ގޮތުގެ މިންގަނޑުތައް ކަނޑައަޅާފައިވެ އެވެ. އެ އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި އެ ނޫން ތަންތަން ވެސް 10 ބުރިއަށް އިމާރާތް ކުރެވޭނެ އެވެ

އެ އިސްލާހުގައިވާ ގޮތުން ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 މީޓަރު (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) ނުވަތަ 100 ފޫޓު ކަމަށެވެ. އެއީ 10 ބުރީގެ އިމާރާތެއްގެ އެވްރެޖް އުސްމިނެވެ.

ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އަމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ ވެސް 10 ބުރި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ގަވައިދު ކުރިން އޮންނަ ގޮތުން، ވިލިމާލޭގައި ދިރުއުޅުމަށް ވެސް އަދި ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ވެސް ދޫކޮށްފައިވާ ގޯތީގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ، ހަ ބުރި އަށެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ ބަދަލު ގެންނަން މަސައްކަތް ކުރެއްވި އެވެ.