ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުޅެދުންތެރިންގެ އެހީ ބޭނުންވާނެ ސަބަބެކެވެ. ރާއްޖޭގެ ނުކުޅެދުންތެރިންގެ އާބާދީ ބޮޑުވެގެން ދިއުމާ އެކު އެހީތެރިވެދޭނެ އަތްތަކަށް މިއަދު މިވަނީ ނުހަނު ބޮޑަށް ބޭނުންޖެހިފަ އެވެ. ފަރުދުންގެ ފެންވަރުގަ އެވެ. ޖަމިއްޔާގެ ފެންވަރުގަ އެވެ.

ހދ. ނޮޅިވަރަންފަރަށް އުފަން، ހދ. އަތޮޅު މަދަރުސާ އިންނާއި މާލެ އިން ތައުލީމް ހާސިލްކުރި އަޒީނަތު އަބްދުﷲ އަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ދެ ކުއްޖެއްގެ މަންމައެކެވެ. ލިބުނު ހަތަރު ކުދިންގެ ތެރެއިން ދެ ކުދިންނަކީ "ބަލި" ކުދިންނަށްވުމަކީ އޭނާގެ ހާޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

"ފުރަތަމަ ދަރިފުޅު ވިހެއީ ފަސް މަހުގައި ދުވަސް ނުފުރާ. ބަރުދަނުގައި ހުރީ އެންމެ 700 ގްރާމް. ވަރަށް ގިނަ ދަތިތަކާ ދިމާވި އެ ދަރިފުޅު ލިބުމާ އެކު،" އަލަތު ދަރިފުޅުގެ ވާހަކަ އޭނާ ހިއްސާކުރި އެވެ.

އަޒީނަތުގެ ފުރަތަމަ ދަރިފުޅު ތިން މަސްވަންދެން އިންކިއުބޭޓާގައި ބާއްވައިގެން ފަރުވާދިނެވެ. އެ ދަރިފުޅު ބޮޑުވަމުން އައިއިރު ގައިގައި ވެސް އަދި ނާރުތަކުގެ ވެސް ބާރު ދަށް ކަމަށާއި އަދި ލޮލުގެ ފެނުމުގައި ވެސް މައްސަލަތަކެއް ހުންނަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ދަރިފުޅުވީ ވިސްނުން ތޫނު އަދި ކިޔެވުމަށް ވަރަށް ޝައުގުވެރިވާ ކުއްޖަކަށެވެ. މިއަދު އޭނާއަކީ ކެއާ ސޮސައިޓީގައި ވަޒީފާގައި އުޅެމުން ސްޕެޝަލް ނީޑް ޓީޗިން ހަދަމުން އަންނަ 22 އަހަރުގެ ޒުވާނެކެވެ.

ދެވަނަ ދަރިފުޅު އުފަންވުމާ އެކު ހަޔާތަށް ބޮޑު ބަދަލެއް

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކޭ ބުނީމަ އަޒީނަތަށް ކުރިން ހީވެފައި އޮތީ އެފަދަ ކުދިންގެ ބޭރުފުށުގައި ކޮންމެ ވެސް ކަހަލަ އުނި ސިފަތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ކޮބައިކަން ދެނެގަނެވުނީ އޭނާގެ ދެވަނަ ދަރިފުޅު ލިބި އެދަރިފުޅުގެ ކިބާގައި އެހެން ކުދިންނާ ތަފާތު ކަންތައްތަކެއް ހުރިކަން ފާހަގަވެ، އެ ދަރިފުޅަކީ އޭޑީއެޗްޑީ އަދި އޯޓިޒަމް ބަލީގެ ކުއްޖެއްކަން ދެނެގަނެވުނު ހިސާބުންނެވެ.

އޯޓިޒަމްއަކީ ޅައުމުރުގައި، ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ދެނެގަނެވޭ، ކުޑަކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް އަސަރުކުރާ މައްސަލަތަކަކަށް ދެވިފައިވާ ނަމެކެވެ.

އޭނާ ބުނިގޮތުގައި ފުރަތަމަ ޑޮކްޓަރަށް ދެއްކީ ދަރިފުޅު ވާހަކަދެއްކުން ލަސްވުމުގެ ސަބަބުންނެވެ. ނަމަވެސް ފަހުން ވާހަކަދައްކާނެ ކަމަށް ޑޮކްޓަރު ބުނުމުން "ލޭންގުއޭޖް ޑިލޭ" އެއީ މާބޮޑު ކަމަކަށް އޭރު އޭނާ ނަހަދަ އެވެ.

ވީ ލަވްސްގެ ފައުންޑަރު އަޒީނަތު

"އަޅުގަނޑުގެ ދަރިފުޅު ވަރަށް އެއްޗިއްސާ ކުޅޭނެ. ތަންތާ މަޑުންނެއް ނީންނާނެ. ގްރޭޑް އެކެއްގައި އުޅުނުއިރު ހާއްސަ ކުލާސް ޓީޗަރުން ބުނެގެން ސައިކޮލޮޖިސްޓަކަށް ދައްކައި އެސެސްމަންޓެއް ހެދިފަހުން އަސްލު ބަލި އެނގުނީ،" އަޒީނަތު ކިޔައި ދިނެވެ.

ޑޮކްޓަރުން ލަފާ ދެއްވާގޮތުގައި ކުއްޖާގެ އުމުރުން 25 އަހަރުވުމުގެ ކުރިން ރަނގަޅު ފަރުވާ ދެވިއްޖެނަމަ އޯޓިސްޓިކް ކުދިންގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެ އެވެ.

"ވީ ލަވްސް" އުފެދުން

ނުކުޅެދުންތެރިކަން ހުރި ދަރިފުޅު ސްކޫލުގެ ސެން (ހާއްސަ) ކުލާހަށް ގެންދަން ފެށުމުން އެތައް މަންމަ އިންނަކާ އޭނާއާ ދިމާވި އެވެ.

އަޒީނަތު އިސްވެ ހުރެ އެ މަންމައިންނަން ހިތްވަރުދީ ކަންކަމުގައި އެހީތެރިވެ ގުޅުން ބަދަހިކުރުމުގެ ނިޔަތުގައި ވައިބާ ގްރޫޕެއް ހެދި އެވެ.

"ވިލިމާލޭގައި ދިރިއުޅުނީ އޭރު. ވިލިމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މަންމައިންނަށް ވައިބާ ގްރޫޕު ހަދައިގެން އެ މަންމައިންނަށް އެހީތެރިކަން ފޯރުކޮށްދޭން ފެށީ. އޭގެ ތެރޭގައި އެހީއަށް އެދުމަށް ސިޓީ ލިޔެދިނުމާއި ފޯމު ފުރައިދިނުމާއި ކުދިން ބަލައިދިނުން ފަދަ ކަންކަން ކުރީ ހުރިހާ މަންމަމެން ހިއްސާވެގެން،" އޭނާ ބުންޏެވެ.

ވިލިމާލޭގަ ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވިލިމާލޭ ހޮސްޕިޓަލުން އެކަށީގެންވާ މިންވަރަށް "ތެރަޕީ" (ފަރުވާއެއް) ނުލިބޭކަން އަޒީނަތު ފާހަގަކުރެ އެވެ. އެ އަވަށުގައި ދިރިއުޅޭ ކުދިން ފަރުވާއަށް ކަނޑުމަގުން އައިޖީއެމްއެޗް އަށް ގެނައުމަށްޓަކައި ފެރީއަށް އެރުވުމާއި ކާރަށް އެރުވުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އަޑުގަދަވުމާއި އަލިގަދަވުމާ އަދި މީހުން ގިނަވުމުން އެކުދިންނަށް އުނދަގޫ ވާތީ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މަންމައިންނަށް އެހީތެރިކަން ފޯރުކޮށްދޭން އުފެއްްދި

އެހެންވެ ގިނަ މަންމައިން އެ މީހުންގެ ދަރިންނަށް ފަރުވާދިނުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަ ކުރި އެވެ. އެކަމަށް ހައްލެއް ގެނައުމަށް ވިލިމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދަފްތަރެއް އެކުލަވައިލައި، ތެރަޕީ (ފަރުވާ) ބޭނުންވާ ކުދިންގެ ލިޔުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުން ވެސް ޖަވާބެއް ނުލިބޭތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި "ވީ ލަވްސް"ގެ ނަމުގައި 2020 ގައި އެންޖީއޯއެއް ރަޖިސްޓްރީ ކުރި އެވެ.

އަޒީނަތަކީ އެ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސާ އެވެ. ވީ ލަވްސް އިން އިސްނަގައިގެން ސަރުކާރުގެ އިސްފަރާތްތަކާ ވާހަކަ ދައްކައިގެން ކުރެވުނު މަސައްކަތުން ވިލިމާލޭގައި ހަފުތާއަކު އެއްފަހަރު ސްޕީޗް ތެރަޕީ ލިބޭ ގޮތް ވަނީ މިހާރު ހަމަޖައްސައިދީފަ އެވެ.

"ވީ ލަވްސް"ގެ ދައުރު

މި ޖަމިއްޔާގެ ހުރިހާ ކަމެއްގައި ވެސް ކުރިން އުޅުނީ މަންމައިންނެވެ. ނަމަވެސް މިހާރު ފިރިހެން ބޭފުޅުން ވެސް މަސައްކަތް ކުރެ އެވެ. "ވީ ލަވްސް" އިން ފޯރުކޮށްދެނީ ދެ ޚިދުމަތެކެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ބޭފުޅުންނަށް އެހީފޯރުކޮށްދިނުމެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މަންމައިންނަށް އެހީތެރިވެދޭ

"ކޮންމެ މަހަކު ވެސް ދެ ސެޝަން ބާއްވަން. އެކި މައުލޫތަކަށް ވާހަކަދެއްކުމަށް ކޮންމެވެސް ޕްރޮފެޝަނަލް މީހެއް ހޯދަން. ޑރ. އަފީފް، ޑރ. ނިޔާފް ޑރ. މުހައްމަދު އަލީ އަދި ޑރ. ފަރުޒާނާ ވެސް މިހާތަނަށް ވަރަށް މުހިންމު އޮންލައިން ސެޝަންތައް ނަގައިދީފައިވޭ. ދެން ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ކައުންސެލާސް ވެސް ތިބޭނެ،" އަޒީނަތު ބުންޏެވެ.

ދިމާވާ އުނދަގޫތައް

މި މަސައްކަތުގައި ދިމާވާ ދަތިތައް ވަރަށް ގިނަކަން ފާހަގަކުރަމުން އޭނާ ބުނީ ހާއްސަ އެހީބޭނުންވާ ކުއްޖެއްގެ ތިރަޕީގެ ޚަރަދުތައް އެންސްޕާ އިން ކަވަރުކޮށްދޭ ކަމަށާއި ނަމަވެސް އެންސްޕާގެ އެހީ އަށް އެދި ހުށަހަޅަންޖެހޭ ތިން މަސް ހަމަނުވާ އެސެސްމަންޓް ހޯދުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. އަދި ތެރަޕިސްޓުން މަދުވުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ވެސް ނުލިބޭ ކަމަށެވެ.

"ފަސޭހަ އިން އެސެސްމެންޓެއް ހެދޭނެ ގޮތެއް ނެތް. ތެރަޕީ ސެޝަނަށް ނަން ނޯޓުކޮށްފައި ކިޔުއެއްގައި އެބަ ތިބޭ 300 އާއި 400 އެއްހާ ކުދިން. އެހެންވީމަ ޑެއިލީކޮށް ތެރަޕީ ބޭނުންވާ ކުދިންނަކަށް އެ ތެރަޕީތަކެއް ނުލިބޭނެ،" ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް އެކަށީގެންވާ ވަރަށް ތެރަޕީ ނުދެވޭ ކަމަށާއި ސްޕީޗް ތެރަޕިސްޓުން މަދުކަން އޭނާ ފާހަގަކުރެ އެވެ.

އަޒީނަތު އެދެނީ ސަރުކާރުން ވަރަށް އަވަހަށް މިކަމަށް ހައްލެއް ގެނެސްދެއްވުމެވެ.

މަންމައިންނަށް އަޒީނަތުގެ ނަސޭހަތެއް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އެހެން ކުދިންނާ އަލާބަލާއިރު ވާހަކަ ދައްކާ މުވާސަލާތުކުރުމާއި، އިޖްތިމާއީ ގުޅުން އުފެއްދުމުގެ ހުނަރު ކުޑަ ނުވަތަ ނުހުންނަ ކުދިންނެވެ. ބަލި ދެނެ ނުގަނެވި ދިގު މުއްދަތެއް ހޭދަވުމަކީ ބޭކާރު އެތައް ފަރުވާތަކެއްގައި ކުއްޖާގެ އުމުރުން ދުވަސްތަކެއް ނަގާލެވޭ ކަމެކެވެ.

އަޒީނަތު ބެލެނިވެރިންނަށް ދޭ ނަސޭހަތަކީ ކުއްޖާގެ ފަރާތުން ތަފާތުކަމެއް ފާހަގަވާނަމަ އަވަހަށް ސައިކޮލޮޖިސްޓަކަށް ދައްކާ އެސެސްމެންޓެއް (ޓެސްޓެއް) ހަދާލުމަށެވެ. އެއީ އަވަހަށް ތެރަޕީ (ފަރުވާ) ދެވިއްޖެނަމަ ކުދިންގެ އުޅުމަށް ބޮޑު ބަދަލެއް އަންނާނެތީ އެވެ.