ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުންދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުން ބަންދުކޮށްފި އެވެ.

ފުލުހުން މިފަހަރު ބަންދު ކޮށްފައި ވަނީ ޓެލެގްރާމްގައި "އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުން ދިޔަ ޗެނަލެކެވެ. އެ ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫން ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެ ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު, މެންބަރުންގެ ގޮތުގައި 1،500 އަށްވުރެ ގިނަ މީހުން ތިއްބެވެ.

"އެމްވީ ކޯލް ގާލްސް" ހުއްޓުވި އިރު, މިދިޔަ މާޗު މަސް ތެރޭގައި ފުލުހުން ވަނީ "ޖަޒީރާ" ގެ ނަމުގައި ހިންގަމުން ދިޔަ ގިނަ ޓެލެގްރާމް ޗެނަލްތަކެއް ވެސް ހުއްޓުވައިފަ އެވެ. އެ ޗެނަލްތަކުގެ ތެރޭގައި "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީޒް"، "ޖަޒީރާ ސްކޭމް އެލާޓް"، "ޖަޒީރާ ލިންކް ހަބަރު" އަދި "ޖަޒީރާ އެޑްމިން" ހިމެނެ އެވެ.

އެ ޗެނަލްތަކުގެ މައްސަލާގައި ފުލުހުން ވަނީ, ޗެނަލް ހިންގި ދެމަފިރިންނާއި, ޗެނަލްތަކާ ގުޅުންހުރި ޓެކްސީ ޑްރައިވަރަކު ވެސް ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ދެމަފިރިންގެ މައްޗަށް މަނީ ލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި ބެހުމުގެ ތުހުމަތު ކުރެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖަޒީރާ ގްރޫޕު ގެނައިއިރު، އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 6،529 މެންބަރުން ތިއްބެވެ.