އުންމީދަކީ އަދި އަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާ އެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭ ހޯދައިދެއްވުންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ރައީސް ވަނީ މަސައްކަތްތެރިންނަށްޓަކައި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންކަމުގެ މައްޗަށް ތަފުސީލީ ގޮތެއްގައި އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރުކޮށްދެއްވަން މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރު މީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށްޓަވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

މަސައްކަތްތެރިންނަށްޓަކައި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަން ކުރުމަށް އިސްކަން ދެއްވާކަން ބަޔާންކުރައްވަމުން، މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެކަމަށާއި، ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ޚިތާބު ނިންމަވާލައްވަމުން ވަނީ ސަރުކާރުގެ އުންމީދީ މަސައްކަތްތަކާ އެކު ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގެއް އޮތްކަމުގައި ވިދާޅުވެފަ އެވެ. އަދި މަސައްކަތްތެރިންނަށް ތިޔާގިކަމުގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ޚިތާބުގައި، ދިވެހި ގައުމަށް މަންފާ ލިބޭ އެކި ދާއިރާތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނާއި ބިދޭސީންނަށް ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެ އެވެ.