ރާއްޖެ ޓީވީ އާއި ޗެނަލް13 ހިންގާ އިމާރާތުގައި ރޯކޮށްލާނެ ކަމުގެ އިންޒާރުދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މީހުންނާއި ތަންތަނާއި ތަކެއްޗަށް، ހާއްސަކޮށް މީހުންގެ ފުރާނަ އާއި މީޑިއާތަކަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ ހާއްސަ އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން އެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޗެނަލް 13 އަށް އިންޒާރު ދީފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އާދީއްތަ ދުވަހު މީހަކު ދިން އިންޒާރުގެ ހަބަރު ތޭރައޮންލައިންގައި ޝާއިއު ކުރުމުން، އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގަ އެވެ.

މީގެ އަހަރުތަކެއް ކުރިން އޮކްޓޯބަރު 7، 2013 ގައި ވަނީ ރާއްޖެ ޓީވީ އޭރު ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލާފައިވެ އެވެ.

އެ މައްސަލާގައި ގިނަ ބަޔަކަށް ދައުވާކޮށްދޭން ފުލުހުން އެދުނު ނަމަވެސް ޕީޖީ އޮފީހުން ދައުވާކުރީ އެންމެ މީހަކަށެވެ. އެއީ ހ. ގަސްވާ، މުހައްމަދު މީއާދެވެ. އޭނާއަށް ކުރި ދައުވާ ސާބިތުވެ ދެ އަހަރަށް ޖަލަށްލާން ޑިސެމްބަރު 16، 2021 ގައި ވަނީ ހުކުމް ކޮށްފަ އެވެ.