އެކަނިވެރިކަމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ތަހައްމަލް ކުރަމުންދާ ހިތްދަތި ހާލަތެކެވެ. އެއީ ތިމާގެ އިޖުތިމާއީ ގުޅުންތައް ބަލިކަށި ވުުމުގެ ނަތީޖާ އެވެ.

އެކަނިވެރި ދިރިއުޅުމެއް އުޅުމަކީ މާބޮޑު ކަމެއް ކަމަށް ހީނުވިޔަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެއީ ކަންބޮޑުވާންޖެހޭ ސިއްހީ މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފަ އެވެ.

އެ ޖަމިއްޔާއިން މިދިޔަ އަހަރު ބުނެފައިވަނީ އެކަނިވެރިކަމަކީ "ގްލޯބަލް ހެލްތު ކްރައިސިސް" އެއް ކަމަށާއި އެކަމަށް ސަމާލުވާންޖެހޭ ކަމަށެވެ.

އެގޮތުން އެކަނިވެރި ދިރިއުޅުމެއް އުޅޭނަމަ ސިނގިރޭޓު ބުއިމާއި ރާބުއިން ފަދަ ނުރަނގަޅު އާދަތަކަށް ތިމާ ހެއްލުން ގާތް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ހަމައެއާއެކު ޑިޕްރެޝަންއާއި އެންޒައިޓީގެ އިތުރުން ހިތުގެ ބަލިތަކަކީ ވެސް އެކަނިވެރިކަމުގެ ނަތީޖާއަކަށް ވެދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ.

އެކަނިވެރި ކަމުގެ ސަބަބުން މީހަކު މަރުވެދާނެ ކަމަށް ބުުނުމުން އެއީ ޖޯކެއް ކަމަށް ހީވިޔަސް މާހިރުން ވިދާޅުވާ ގޮތުގައި އެއީ ވެދާނެ ކަމެކެވެ.

އެހެން ކަމުން އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށް ތިމާގެ ހުސް ވަގުތު އެކަނިވެރިކަމުގައި އިނުމުގެ ބަދަލުގައި މީހުންނާއެކު ހޭދަކުރަން ސަމާލުވާންޖެހެ އެވެ.