މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު 6 ކެންޑިޑޭޓަކު ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއަށް އިއްޔެ ސޮއިކޮށްފި އެވެ.

މިފަހަރު މަޖިލިހަށް އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު މީހުންގެ ތެރެއިން މިހާތަނަށް ސޮއިކުރީ

  • ހުރާ ދާއިރާއަށް ހޮވުނު ޑރ. އަނާރާ ނައީމް
  • މަތިވެރި ދާއިރާއަށް ހޮވުނު ހަސަން ޒަރީރު
  • މައްޗަންގޮޅީ މެދު ދާއިރާއަށް ހޮވުނު އަހުމަދު ޒަމީރު
  • ތިމަރަފުށީ ދާއިރާއަށް ހޮވުނު އަހުމަދު ރިޔާޒް
  • ނައިފަރު ދާއިރާއަށް ހޮވުނު ޔާސީން އަބްދުﷲ
  • ގއ. ވިލިނގިލި ދާއިރާއަށް ހޮވުނު އާޒިމް އަބްދުލް އަޒީޒް

މި ފަހަރު ސޮއިކުރި ބައެއް މެމްބަރުންގެ ތެރޭގައި ކުރިން ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު ބޭފުޅުން ވެސް ހިމެނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ވެރިކަންކުރާ ޕާޓީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 93 ދާއިރާއަކަށް ވާދަކޮށްގެން، ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ.