ކޮންމެ ދެމަފިރިއެއް ވެސް ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ އެ މީހުންގެ ދަރިންނަކީ ހުލްގު ހެޔޮ، ހެޔޮ ލަފާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމެވެ.

ކުއްޖާ ދުނިޔެއަށް އުފަންވެގެން އަންނަނީ ފިތުރަތުގެ ސާފުކަން މަތީގަ އެވެ. އެ ކުއްޖާގެ ބޮޑުވެގެން އަންނަ އިރު ރަނގަޅު އަދި ނުރަނގަޅު ސިފަތައް ވެސް އަށަގަތުމުގައި މައިންބަފައިންގެ ނުފޫޒު ބޮޑެވެ. އޭގެ ތެރެއިން ވެސް ދަރިން އެންމެ ބޮޑަށް ބަލާ، ފިލާވަޅު ދަސްކުރަނީ މަންމަ އާއި ބައްޕަގެ ދެމެދުގައި އޮންނަ ގުޅުމުންނެވެ. ސަބަބަކީ ކުއްޖާ ބޮޑުވެގެން ދާނީ މައިންބަފައިންގެ ފިޔަވަޅުތަކުގެ މަތިން ކަމަށް ވުމެވެ.

ދަރިންނަށް ނަމޫނާ ދައްކަން ޖެހޭ

ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ ތެރޭފައި ކުއްޖާއަށް އެންމެ ވަރުގަދަ މެސެޖްތަކެއް ދަސްވެގެން ދާނީ މަންމަ އާއި ބައްޕަގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިންނެވެ. ކޮންމެ އާއިލާއެއްގެ ތެރޭގައި ވެސް އޮންނަ އެންމެ މުހިންމު ގުޅުމަކީ މަންމަ އާއި ބައްޕަގެ ދެމެދުގައި އޮންނަ ކައިވެނީގެ ގުޅުމެވެ. އަދި ދަރިންނަށްޓަކައި މައިންބަފައިންނަށް ކުރެވޭނެ އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ފުރަތަމަ އެކަކު އަނެކު ދެކެ ލޯބިވުން ހިމެނެ އެވެ.

ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ދެމެދުގައި ވާ ލޯބި، ދަރިންގެ ކުރިމަތީގައި ހާމަކުރުމަކީ އެ ކުދިން ބޮޑެތިވެގެން އަންނަ އިރު އެހެން މީހުންނާ ދޭތެރޭ ލޯބިން އަމަލުތައް ބަހައްޓާނެ ގޮތް ދަސްކޮށްދޭ ކަމެކެވެ.

ލޯތްބާއި އަޅާލުން

ދަރިފުޅަށް އެންމެ މުހިއްމު ވަނީ ލޯތްބާއި އަޅާލުން ކަން އެއްވެސް މަންމަ އެއް އަދި ބައްޕައަކަށް ވެސް އޮޅިފައެއް ނޯންނާނެ އެވެ. އެހެން ނަމަވެސް މަންމަ އާއި ބައްޕަގެ ދެމެދުގައި އޮންނަ ގުޅުން ދަރިންގެ ކުރިމަތީގައި ހާމަކުރުމަކީ ކިހާ މުހިއްމުކަމެއް ކަން ގިނަ މީހުންނަށް ނުވިސްނެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި މައިންބަފައިންގެ ދެމެދުގައިވާ ލޯބި ހާމަނުކުރާ އާއިލާތަކުގައި ބޮޑުވާ ކުދިން، އެމީހުން އަމިއްލައަށް ބައިވެރިޔަކާ ގުޅޭ ހިސާބުން ލޯބި ހުށައެޅުމަށް އުނދަގޫވެ، އިހުސާސްތައް ހާމަކުރަން ފަސްޖެހޭ ގޮތްވެ އެވެ.

ހަމަ އެފަދައިން ހަލަބޮލި މާހައުލުތަކުގައި ބޮޑުވާ ކުދިންނާ ސުލްހަވެރި އުފާވެރި ގެތަކުގައި ބޮޑުވާ ކުދިންގެ މެދުގައި ބޮޑު ފަރަގެއް އޮވެ އެވެ.

މައިންބަފައިންގެ ދެމެދުގައި އޮންނަ ލޯބި ހާމަކުރާ ނަމަ ދަރިންނަށް ވެސް ލޯތްބާއި އަޅާލުމުގައި އޮންނަ ހެވައި ނުބައި އެނގި، އެއަށް އަމަލުކުރަން ދަސްވެގެންދާނެ އެވެ.

ގޭތެރޭގެ މަސައްކަތް ބަހާލައިގެން ކުރުން

ގިނަ މައިންބަފައިންނަކީ އަދާކުރާ ވަޒީފާގެ އިތުރުން ގެތޭރޭގެ މަސައްކަތުގައި ވެސް އަވަދިނެތި އުޅޭ ބައެކެވެ. މި ހުރިހާ ޒިންމާތަކާ އެކު ވެސް ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ހުސްކޮށް، ކެއްކުމާއި ކުނިކެހުން ފަދަ ގޭތެރޭގެ މަސައްކަތުގައި އެކަކު އަނެކަކަށް އެހީތެރިވެދީ ހެދިދާނެ އެވެ.

މިކަމުން ދަރިންނަށް ދޭން ބޭނުންވާ ފިލާވަޅަކީ ގޭތެރޭގެ މަސައްކަތަކީ ވަކި މީހެއްގެ ޒިންމާއެއް ނޫން ކަމާ އެ ފަދަ މަސައްކަތުގައި ވެސް އެކަކު އަނެކަމަށް އެހީތެރިވުމުގެ މުހިއްމު ކަމެކެވެ.

އާއިލާގެ އުފާވެރިކަން ދަމަހައްޓާނީ ކިހިނެއް؟

ކޮންމެ ދުވަހަކު އަދާކުރާ ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތުތަކާ އެކު ވެސް ދަރިފުޅު ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައި އޮންނަ ބޮޑު ޒިންމާއެކެވެ.

އެހެން ނަމަވެސް މިހާރުގެ ގިނަ ކުދިންނަށް ފެންނަނީ މަންމަ އަދި ބައްޕަ ގިނަ ވަގުތު ރައްޓެހިންނާ އެކު ހޭދަކޮށް، ކޮފީތަކަށް ގޮސް އުޅޭ މަންޒަރެވެ. އާއިލީ ދިރިއުޅުމުގައި ބައިވެރިޔާ އާއި ދަރިފުޅާއި އެކު ވަގުތު ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މީގެ އިތުރުންވެސް ދަރިން ދާނީ އަބަދުވެސް މަންމަ އާއި ބައްޕަގެ ކައިވެނީގެ ގުޅުން ނަމޫނާއަކަށް ބަލާ ވަރަށް ގިނަ ކަންތައް ދަސްކުރަމުންނެވެ. ދިރިއުޅުމެއްގެ ދުވަހީ ކަންތައް ދަރިންނަށް ދަސްވަނީ މައިންބަފައިންގެ ދިރިއުޅުމުންނެވެ. މި ކަމުން ދަސްވާ ކަންތަކަކީ ކުއްޖާ ބޮޑުވެގެން މީހަކާ އިންނަ ހިސާބަށް ދާއިރު ވިސްނުން ބައްޓަން ކުރުމަށް ވަރަށް މުހިއްމު ފިލާވަޅުތަކެވެ.