އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނަ އެ ގަނޑުވަރުގައި އެކަމަނާގެ އެންމެ ފަހު ދުވަސްތައް ހޭދަ ކުރައްވައި އަވަހާރަވި ބެލްމޯރަލް ކާސަލް ފުރަތަމަ ފަހަރަށް އާއްމުންނަށް ހުޅުވާލަން އިނގިރޭސި ޝާހީ އާއިލާއިން ނިންމައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖުލައި 01 ން އޮގަސްޓް 04 އަށް ހުޅުވާލައި އެ ފުރުސަތުގައި ދިހަ މީހުންނަށް ގިނަނުވާ ގްރޫޕްތަކަށް އެކުގައި ގަނޑުވަރުގެ ގައިޑަޑް ޓުއާއެއް ދެވޭނެ އެވެ.

އެ ޓުއާގެ އުސްއަލިތަކުގެ ތެރޭގައި ގަނޑުވަރުގެ ހުސް މައިދާނާއި ބަގީޗާގެ އިތުރުން ޝާހީ އާއިލާ ބޭނުން ކުރެއްވެވި ބޯލް ރޫމް ހިމެނެ އެވެ.

ގަނޑުވަރުގެ ފުރިހަމަ ޓުއާއެއްގެ އަގު އުޅެނީ މެންދުރުގެ ސަޔާއެކު 100 ޔޫރޯއާއި 150 ޔޫރޯއާ ދެމެދު އެވެ. ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ޓިކެޓުގެ އަދަދަކީ 40 އެވެ.

ބެލްމޯރަލް ކާސަލްއަކީ ރާނީ އެލިޒަބަތުގެ ދަމަފިރިކަނބަލުން ހޫނު މޫސުމުގެ ޗުއްޓީ ހޭދަކުރައްވަން އާއްމުކޮށް ވަޑައިގަންނަވާ ގަނޑުވަރެކެވެ. ޝާހީ އާއިލާގެ ރަސްމީ ގަނޑުވަރަކީ ވިންޑްސޯ ކާސަލް އެވެ.

ބުނެވޭ ގޮތުގައި ބެލްމޯރަލް ކާސަލްއަކީ ރާނީ އެލިޒަބަތުއަށް ވަރަށް ހާއްސަ ގަނޑުވަރުކޮޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު 2022 ވަނަ އަހަރު އެކަމަނާ އަވަހާރަވީ ވެސް ހަމަ އެ ގަނޑުވަރުކޮޅުގަ އެވެ.