މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަކުރައްވާ ނަޒްރާ ނަސީމް (ނަޒޫ) އަކީ މުޅި ފުވައްމުލައް ސިޓީ ތަމްސީލް ކުރައްވާނެ ގާބިލް ކެންޑިޑޭޓެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ނަޒޫގެ ކެމްޕެއިން އިވެންޓުގައި ސޯލިހް ވިދާޅުވީ ނަޒޫ މަޖިލިހަށް އިންތިހާބު ކުރަން ޖެހޭ ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި އިރުގައި ނަޒޫއަކީ ރައީސް އޮފީހުގައި ވަރަށް ކައިރިން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމުގައި ސޯލިހް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ރޭގައި ބޭއްވި ޖަލްސާގައި ނަޒޫ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑަށް ނަޒޫގެ ފަރާތުން ފެނުނު އެންމެ ރަނގަޅު ސިފައަކީ ކޮންފިޑެންސް. އަމިއްލަ ނަފްސަށް އެ ކުރާ އިތުބާރު. ކުރަން ބޭނުންވާ ކަމެއް ކުރުމަށްޓަކައި ހުރަސް ނުކުރާނެ އެއްވެސް އޮޅިއެއް، ޓަކި ނުޖަހާނެ އެއްވެސް ދޮރެއް ނޯންނާނެ،" ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވި ގޮތުގައި ސިޔާސީ މީހެއްގެ އެންމެ ފުރަތަމަ ހުންނަން ޖެހޭ ސިފައަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. އަދި ތިމާ ކުރިމަތިލާ ކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮންނަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ވަޒީފާއަކާ ހަވާލުވުން ކަމަށް ވިޔަސް، އިންތިހާބަކާ ކުރިމަތިލިޔަސް އަދި އިންތިހާބުވެގެން ރައްޔިތުން ތަމްސީލް ކުރަން އިންނަ އިރު ވެސް އޮންނަން ޖެހޭނީ ތިމާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު. އެ ނޫނިއްޔާ އިންތިހާބީ މަގާމެއް ނުފުރޭނެ. އެ ސިފަ ހަމަ ޔަގީނުން ވެސް ނަޒޫގެ އެބަހުރި." ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސިޔާސަތަކީ އަންހެނުން ބާރުވެރި ކުރުވުމެވެ. ކަންކަން ނިންމާ ލެވެލްގައި އަންހެނުންގެ ބަސް ވެސް އޮންނަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހަށް ވެސް އަންހެނުންގެ ދައުރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމުގައި ސޯލިހް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ރޭގައި ބޭއްވި ޖަލްސާގައި ނަޒޫ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ސޯލިހް ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަ، ކައުންސިލްތަކެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލިހުގައި އަންހެނުންގެ ނިސްބަތް %33 އަށް އިތުރު ކުރަން މަސައްކަތް ކުރެއްވީސް ކަމަށެވެ. އެކަމަކު ވެރިކަން ލިބިފައި ނުވާތީވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަކީ އަންހެނުންނަށް ފުރުސަތު ދޭން ޖެހޭ އިންތިހާބެއް ކަން ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަޒޫއަކީ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ އެކަށީގެންވާ ކެންޑިޑޭޓެވެ. އަދި ނަޒޫ އިންތިހާބުވެއްޖެ ނަމަ، ތަމްސީލް ކުރައްވާނީ ދާއިރާ އެކަނި ނޫން ކަމަށާއި މުޅި ފުވައްމުލައް ތަމްސީލް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑު އެދެނީ މި ދާއިރާގެ ރައްޔިތުންގެ ފަރާތުން މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމަށް. މި ފުވައްމުލައް ސިޓީ ތަމްސީލް ކުރުމަށް އަންހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް،" ސޯލިހް ވިދާޅުވި އެވެ.